މަޖިލިސް އިންތިހާބު 2019

ހައްގަށް ވަކާލާތުކޮށް ދެވޭނީ ނުފޫޒެއް ނެތް މިނިވަން މެންބަރުންނަށް: އުޝާމް

ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވެނީ ސިޔާސީ ނުފޫޒެއް ނެތް މިނިވަން މެންބަރުން ކަމަށް ވިލިމާލޭ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދް އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމުމުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ހުށަހެޅުން ލިބުނު ކަމަށެވެ. އެކަމަކު ސިޔާސީ ޕާޓީތަކުން ލިބުނު ފުރުސަތުތަށް ގަބޫލުނުކޮށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނީ ސިޔާސީ ނުފޫޒުން މިންޖުވެފައިވާ މެމްބަރަކަށްވުމުން ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

"އަޅުގަނޑަށްވެސް މަޖިލީހަށް ނުކުންނަން ފުރަތަމަ ލިބުނު ފުރުސަތު، އެ ފުރުސަތު އޮތް، ނަމަވެސް އެ ފުރުސަތަށް ނޫނެކޭ ބުނެ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ނުކުތުމަށް ނިންމީ ސަބަބުތަކެއް އޮވެގެން، މިއަދު ސިޔާސީ ހާލަތު އޮތްގޮތުން، ރައްޔިތުންގެ ހައްގުގައި އިހްލާސްތެރިކަމާއެކު ވަކާލާތު ކުރެވޭނީ މިނިވަން މެމްބަރަކަށް ކަމަށް އަޅުގަނޑަށް ފެންނާތީ، ސިޔާސީ އެއްވެސް ނުފޫޒެއް ނެތް މީހަކަށް ކަން އަޅުގަނޑަށް ގަބޫލު ކުރެވޭތީ،" އުޝާމް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ނިވަލުގައި މަޖިިލިސް ހޮވޭ މެމްބަރުންނަށް ރައްޔިތުންނަށް ކޮށްދެވޭނެ ކަންކަން އަމިއްލަ މެމްބަރުންނަށް ވެސް ކުރެވޭނެ ކަމަށެވެ. އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވާދަކޮށްގެން މަޖިލީހަށް ހޮވޭ ކެންޑިޑޭޓުން ޖަވާބުދާރީވާން ޖެހެނީ ކޮންމެ ވެސް މަހުޖަނަކަށް ނުވަތަ ޕާޓީގެ ސިޔާސީ ލީޑަރަށް ކަމަށެވެ.

"މިނިވަނަކަށްނުކޮށް ދެވުނު ކަމެއް ސިޔާސީ ޕާޓީއެއްގެ ފަހަތުގައި ހުންނަށް މީހަކަށް ކޮށްދެވިދާނެތޯ؟ މީހަމަ އަޅުގަނޑުމެން ހިތާއި ހިތާއި ކޮށްލަން ޖެހޭ ސުވާލެއް،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އޭނާ ޖަވާބުދާރީވާން ޖެހޭނެ ސިޔާސީ ލީޑަރެއް ނުވަތަ މަހުޖަނެއް ނުހުންނާނެ ކަމަށާއި އޭނާ ޖަވާބުދާރީވާނީ ސީދާ ރައްޔިތުންނަށް ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރު އޭނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރައްވައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުޝާމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި އޭނާ ވަނީ، މަޖިލިސް އިންތިހާބަށް ދިމާކޮށް ފައިސާ ހިފައިގެން އަންނަށް މީހުންގެ ކިބައިން ސަމާލުވެ ތިބުމަށް އެދިފަ އެވެ. އުޝާމް ވިދާޅުވީ، އެފަދަ ފަރާތްތަކުން މަޖިލީހަށް އިންތިހާބުވާ ހިސާބުން ވިއްކާލާނީ ރައްޔިތުންގެ ފަޅު ރަށްތަކާއި ފަޅުތަށް ކަމަށެވެ. އަދި އެންމެ ފަހުން ގެއްލިގެން ދާނީ ރައްޔިތުންގެ ހައްގުތައް ކަމަށެވެ.

އުޝާމް ވަނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ގައުމީ ފެންވަރުގައި އޭނާ ވަކާލަތު ކުރައްވާނެ ކަންކަން ވެސް ހާމަ ކުރައްވާފަ އެވެ. "ދިވެހިންގެ އުއްމީދު"ގެ ނަމުގައި ހާމަ ކުރެއްވި ގައުމީ ވައުދުތަކުގެ ދަށުން ކަށަވަރު ކުރެވޭނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ގެދޮރުވެރި ރައްޔިތުން، ފުދުންތެރި ދިރިއުޅުން، ކުލުނުވެރި މުޖުތަމައު، ބާރުވެރި ކައުންސިލް، އިންސާފުވެރި ފަނޑިޔާރުގެ އަދި ޒިންމާދާރު މަޖިލިސް، މި ހަ ކަމެވެ.

ކެމްޕޭން ޖަލްސާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އުޝާމް އިތުރަށް ވިދާޅުވީ، ވިލިމާލޭއަށް ދިމާވެފައިވަނީ މާބޮޑު މައްސަލަތަކެއް ނޫން ކަމަށް ބައެއް މީހުނަށް ހީވި ކަމުގައިވިޔަސް، ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކޮންމެ ކަމަކީ އޭނާއަށް ބޮޑު ކަމަކަށް ވާނެ ކަމަށެވެ.

އުޝާމް ވިދާޅުވީ، "ބަނޑުގައި ރިހި ރިހި ހުންނަށް މައިމީހާއަށް ރޭ ހަތަރުދަމު ފަރުވާއެއް ނުދެވި، މާލެ ގެންދެވޭނެ ގޮތެއް ނެތި އުޅެން ޖެހުމާއި، ވިލިމާލޭގައި ދިރުއުޅޭ އެތަށް އާއިލާއެއްގެ ކުދިން ބޮޑެތިވެ މީހުންނާ އިދެ ދަރިން ލިބޭއިރު، ވަންނާނެ ގޮދޮރެއް ނެތި އުޅެން ޖެހުމަކީ ކުޑަ މައްސަލައެއް ނޫން" ކަމަށެވެ. އަދި މަޖިލީހަށް އޭނާ ނުކުންނަނީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދަން ކަމަށް ވެސް ވިދާޅުވި އެވެ.

އުޝާމަކީ ފާއިތުވެދިޔަ 10 އަހަރު ދައުލަތުގެ ވަކީލެއްގެ ގޮތުގައި ބަންޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެހާސްތޭރަ ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި އަހަރު މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް އޭނާ ހުންނެވީ ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގަ އެވެ.

މީގެއިތުރުން އުޝާމަކީ ފާއިތުވެދިޔަ ވިއްސަކަށް އަހަރު އޭނާ ނިސްބަތްވާ ވިލިމާލޭގެ އިޖުރިމާއީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ވިލިމާލޭ ޒުވާނުންގެ ކުރިއެރުމަށް އުފެއްދި އެކިއެކި ޖަމިއްޔާތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.