ރައްޔިތުންގެ މަޖިލިސް

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

Jun 22, 2022
4
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0%
0%
100%

އަތޮޅު ތެރޭގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން އެ ކޮމިޝަނުން ހުށަހެޅީ އެކަމަށް އިތުރަށް ހޭދަކުރާ ޖުމްލަ އަދަދު އަހަރަކު 3.7 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ބަޖެޓަކުން މުސާރަ ބޮޑުކުރުމަށެވެ.

ޖޭއެސްސީގެ ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވެސް ހުއްދަ ދީފައިވާ ޖޭއެސްސީން އެދިފައިވާ ގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ކޮމިޓީގައި ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. ހުށަހެޅުން ފާސްވީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް


ޑީޖޭއޭ އިން ހުށަހެޅީ އިތުރު ގަޑީގައި މަސައްކަތަށް ނިކުންނަވާ ކޮންމެ ފަނޑިޔާރަކަށް ނިކުންނަވާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ހަތަރު މަސް ދުވަހަށް ދިނުމަށެވެ. އެލަވަންސް ދިނުމަށް ގިނަވެގެން ހޭދަވަނީ ޖުމްލަ ހަލައްކަ ރުފިޔާ ކަމަށް ޑީޖޭއޭ އިން ބުނެފައިވެ އެވެ.

ޑީޖޭއޭގެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްކޮށްދީފައިވާއިރު ފުނިޖެހިފައި ހުރި މައްސަލަތައް [ޖުމްލަ 1،182 މައްސަލަ] ބަލައި ނިންމަންވާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ދުނިޔެއާއި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިވަގުތު ހުރި ގޮތުން މުސާރަތައް ބޮޑުކޮށް އަލަށް އެލަވަންސްތަކެއް ދިނުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ފަނޑިޔާރުންގެ މުސާރަތަކަށް އެއްވެސް ބަދަލެއް ގެންނަނަމަ އެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަރޭ

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުން ރަނގަޅު، ފެންވަރު ރަނގަޅު ވަކީލުން މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލާނީ އޭރުން

ޙަސަން މު

ރަނގަޅު ނިންމުމެއް

މީސްމީޑ

ހަަރަދުކުޑަކުރަންވީ އެކަމަކު ފަޑިޔާރުންގެ މުސާރަބޮޑުވާންވީ ދެންކޮބައި އިންސާފު އަދުލް މިއީލަފުޒެއްތަ؟ރައީސްމީހާގެ ލަފާ އަވަހައްވަތަރެއްގެ މައްސަލަނިންމަތަ ތިޔައުލެނީ؟؟

ޙަރަދު

މިއީ ހަރަދު ކުޑަކުރަން ކުރި ކަމެއްބާ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910