ރައްޔިތުންގެ މަޖިލިސް

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްދީފި

Jul 1, 2022
3

އަތޮޅު ތެރޭގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ފާސްކުރީ 53 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ކްރިމިނަލް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމަން އިތުރު ގަޑީގައި މަސައްކަތް ކުރައްވާ ގާޒީންނަށް އެލަވަންސެއް ދިނުމަށް ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. މަޖިލިސް އިއްޔެ ވަނީ ޗުއްޓީއަށް ވެސް ގޮސްފަ އެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން އެ ކޮމިޝަނުން ހުށަހެޅީ އެކަމަށް އިތުރަށް ހޭދަކުރާ ޖުމްލަ އަދަދު އަހަރަކު 3.7 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ބަޖެޓަކުން މުސާރަ ބޮޑުކުރުމަށެވެ.

ޖޭއެސްސީގެ ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވެސް ހުއްދަ ދީފައިވާތީ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން ވެސް ނިންމާފައި އޮތީ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

ޑީޖޭއޭ އިން ހުށަހެޅީ އިތުރު ގަޑީގައި މަސައްކަތަށް ނިކުންނަވާ ކޮންމެ ފަނޑިޔާރަކަށް ނިކުންނަވާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ހަތަރު މަސް ދުވަހަށް ދިނުމަށެވެ. އެލަވަންސް ދިނުމަށް ގިނަވެގެން ހޭދަވަނީ ޖުމްލަ ހަލައްކަ ރުފިޔާ ކަމަށް ޑީޖޭއޭ އިން ބުނެފައިވެ އެވެ.

ޑީޖޭއޭގެ ހުށަހެޅުން މަޖިލީހުން ފާސްކޮށްފައިވާއިރު ނުނިމި ފުނިޖެހިފައިވާ ޖުމްލަ 1،182 މައްސަލަ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ބަލައި ނިންމާނެ އެވެ.

ފަނޑިޔާރުންގެ މުސާރަތަކަށް އެއްވެސް ބަދަލެއް ގެންނަނަމަ އެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.