މުހައްމަދު އިސްމާއީލް

މުހައްމަދު އިސްމާއީލް ވިލިމާލެ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވުމަށް ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ނިންމަވައިފި އެވެ.

މުހައްމަދަކީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ ތަމްސީލް ކުރެއްވި ބޭފުޅެކެވެ.

މުހައްމަދު އިސްމާއީލް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރެއްވި ނަމަވެސް އޭނާ އިންތިހާބަށް ނިކުންނަވަނީ ކޮން ޕާޓީއަކުން ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހްލާަސްތެރިކަމާާއެކު އެދެމެވެ،" މުހައްމަދުގެ ޕޯސްޓްގައިވެ އެވެ.

އެކަމަކު މުހައްމަދު އިސްމާއީލަކީ ކުރީގެ ރައީސް އިބްރާހީމް ސޯލިހްގެ ވެރިކަމުގައި ނިންމި ބައެއް ނިންމުންތަކާ ދެކޮޅަށް ސަރުކާރު ޖަވާބުދާރީކުރުވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ޕީޕީއެމް އެންމެ އިސް އެއް އެކްޓިވިސްޓެވެ.

ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މުހައްމަދު ކުރެއްވި މަސައްކަތްތަކާ ގުޅިގެން އެތައް ފަހަރަކު ޖަލަށްވެސް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖްމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން މުހައްމަދު ގެންދަވަނީ ރައީސް މުއިއްޒުގެ ދިފާއުގައިވެސް އަޑުއުފުއްލަވަމުންނެވެ.