ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ.
ޕްލެޓްފޯމް ފަރަށް އަރައި ފަރަށް ގެއްލުންވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ވިލިމިލާ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަހްމަދު އުޝާމު އެވެ.
އުޝާމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރިތާ ހަފްތާއެއްވާން ކައިރިވާއިރު ޕްލެޓްފޯމް އެޅި ކުންފުނިންނާއި އަދި ސަރުކާރުންވެސް ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށެވެ.
މޫދަށް ރަނގަޅަށް ހަރުކޮށްފައި ހުރި ކަމަށް ބުނާ ޕްލެޓްފޯމެއްގެ ނަގިލި ކަހާލައި މޫސުން ރަނގަޅު ދުވަހެއްގައި ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ހަރުކޮށްފައި ހުރި ގޮތާއި އަދި ބްރިޖު މަޝްރޫއު ކުރިއަށްދާ ގޮތާ މެދުވެސް އުޝާމު ވަނީ ސުވާލު އުފައްދަވާފަ އެވެ.
އުޝާމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ ނެގުމުގެ މަސައްކަތް ވެސް ފެށީ ދެ ދުވަހެއް ފަހުން ކަމަށާއި އޭރު ފަރަށް ވާނެ ގެއްލުމެއް އޮތީ ވެފައި ކަމަށެވެ. އަދި ޕްލެޓްފޯމް ނެގުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މައްސަލައަށް ހޯދުމަށްޓަކައި ދާއިރާގެ ރައްޔިތުންގެ ނަމުގައި އަނެއްކާ ވެސް ސަރުކާރަށް މިކަމަށް ގޮވާލަން،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް މިއަދު ފާސްކުރި އެވެ. ބަހުސްގައި މެންބަރުން ވަނީ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އެންވަޔަންރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެ އެވެ.