ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ވިލިމާލޭގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ.
ޕްލެޓްފޯމުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރާޅާ އެކު ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއެކު ރަށަށް ލޮޅުން އިހްސާސް ކުރެވޭ ކަމަށެވެ. އެހެންވެ ޕްލެޓްފޯމް ފުންކުރުމަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދިނުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލާފައިވެ އެވެ. ޕްލެޓް ފޯމް އެތަނުން ނެގުމަށް އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
"ކެނޑިނޭޅި އެވަރުގެ ގެއްލުމެއް ފަރަށް ލިބުން އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބުން އެކަށީގެންވެ އެވެ،" ބަޔާނުގައިވެ އެވެ.
ޕްލެޓްފޯމް ނެގޭނެ ކުންފުނިތައް ރާއްޖޭގައި ތިބިއިރު ބްރިޖު ކަހަލަ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކީ ޕްލެޓްފޯމް ނެގޭނެ ފެންވަރުގެ ސާމާނު ހުރި ކުންފުނިތަކަކަށް ވާންޖެހޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށްފަހު އެކުލަވާލާ ރިޕޯޓް ވިލިމާލޭގެ ރައްޔިތުންނާ ހިއްސާކުރުމަށްވެސް ގޮވާލާފައިވެ އެވެ.
ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އެންވަޔަންރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެ އެވެ.