ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ބަހުގެ ހިދުމަތާއެކު ވިލިމާލެއަށް އުފާވެރިކަން

އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިލިމާލޭގައި އާރްޓީއެލް ބަހުގެ ހިދުމަތް ފައްޓަވައިދެއްވަނީ. -- ފޮޓޯ: ޒައިން | އަވަސް
0%
0%
100%

ވިލިމާލޭ ރައްޔިތުންގެ ދަތުރުފަތުރަށް ލުއި ފަސޭހަތަކެއް ގެނެސް ދިނުމުގެ ގޮތުން އެމްޓީސީސީން އާރްޓީއެލް ބަހުގެ ހިދުމަތް ވިލިމާލޭގައި ފަށައިފި އެވެ.

ވިލިމާލޭގައި މިއަދު ބަހުގެ ހިދުމަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާ މެންބަރު އަހުމަދު އުޝާމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބަހުގެ ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު އާޒިމް ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ނެތް ކަމަށާއި ވިލިމާލޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުޑަކުދިންނަށް މިކަމުގެ ސަބަބުން ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

"މިގޮތަށް [ޝަކުވާ] އަންނަމުން ދަނިކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާވެސް އެބަވޭ އެކަމަށް ރިކުއެސްޓްކޮށްފަ، އަދި މިކަމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން މިއަދު މި ހިދުމަތް ފެށިގެން މިދަނީ،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިލިމާލޭގައި އާރްޓީއެލް ބަހުގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ވިލިމާލެ އަކީ ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރާ ތަނަކަށް ވުމުން އެމްޓީސީސީން ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ އިލެކްޓްރިކަލް ވެހިކަލް (އީވީ) ބަހެވެ.

ވިލިމާލޭގައި މިއަދު ހިދުމަތް ފެށިގެން ދިޔަ އިރު ފުރަތަމަ ދެ ހަފްތާގެ ދަތުރުތަކަށް އެއްވެސް ރުފިޔާއެއް ނުނަގާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ދެ ހަފްތާ ނިމުމުން ދަތުރަކަށް ނަގާނެ އަގު އަދި ކަނޑަނާޅާ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ދެ ހަފްތާ ނިމުމުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ، 65 އަހަރުން މަތީގެ ރައްޔިތުންނާއި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނާއި ތިން އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ހިލޭ ބަސްތަކުން ދަތުރު ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް އާއި ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ބަހުގައި ދަތުރު ކުރައްވަނީ. -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ރައްޓެހި ބަހުގައި 15 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ އެވެ. އެއީ އިށީންނަން 11 ޖާގަ އާއި ކޮޅަށް ހުރެގެން ދަތުރު ކުރުމަށް ހަތަރު ޖާގަ އެވެ.

ވިލިމާލޭގައި ބަސްތައް ދަތުރުކުރާނެ މަގުތައް ކަނޑައެޅީ އެންމެ ގިނައިން މީހުންދާ ހިސާބުތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ފެރީ ޓާމިނަލް އާއި ސްކޫލް އަދި ހޮސްޕިޓަލް ކަހަލަ ތަންތަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ވިލިމާލެގެ އެކި ސަރަހައްދުގައި ޖުމުލަ 10 ބަސްހުއްޓި ހަދާފައިވެ އެވެ. ބަސް ހުއްޓިތަކަށް ކޮންމެ 10 މިނަޓަކުން ބަސް ކައިރިކުރާނެ އެވެ. މީގެ އިތުރުން އިތުރު ބަސް ހުއްޓިއެއް ރައްޔިތުން ބޭނުންވާ ކަމަށްވާނަމަ އެ ބަދަލުތައް ގެނެސްދޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ވިލިމާލެގެ މަގެއްގައި އާރްޓީއެލްގެ ބަހެއް ދަތުރު ކުރަނީ. -- ފޮޓޯ: ޒައިން | އަވަސް

ބަހުގެ ހިދުމަތް ފެއްޓުމަށްފަހު ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އުޝާމް ވިދާޅުވީ ރައްޔިތުންގެ ޝަކުވާ އަބަދުވެސް ލިބެމުން އަންނަ އެއްގަމު ދަތުރުފަތުރަށް ހައްލެއް ހޯދައިދިނުމަށް އެމްޓީސީސީން ބަހުގެ ހިދުމަށް ފެއްޓުމުން ރައްޔިތުން ތިބީ ވަރަށް އުފަލުގައި ކަމަށެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ފައްޓާފައިވަނީ ފެރީ ޓާމިނަލް ކައިރިންނެވެ. ބަހުގެ ހިދުމަތް ފެއްޓި ވަގުތު އިދިކޮޅު ސަޕޯޓަރުން ދިޔައީ އެ ސަރައްހައްދުގައި އަޑު އުފުލާ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ވިލިމާލެއަށް ބަހުގެ ހިދުމަތް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ބަގީގެ ހިދުމަތް ކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ. މީގެ އިތުރުން ރައީސް ސޯލިހާއި އާޒިމްގެ އިސްތިއުފާއަށްވެސް އެ މީހުން ދިޔައީ ގޮވަމުންނެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ފެއްޓި ވަގުތު އެ ސަރަހައްދަށް އިދިކޮޅު ސަޕޯޓަރުން އެއްވެ އިހުތިޖާޖު ކުރަނީ. -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތްދޭން ފަށާފައިވާ އިރު މާލެ ސިޓީ ކައުންސިލުން އަންނަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ތައްޔާރު ވަމުންނެވެ. ސިޓީ ކުއަންސިލުން ބުނެފައި ވަނީ އަންނަ މަހު ބަގީގެ ހިދުމަތް ފަށާނެ ކަމަށާއި ބަގީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަވެސް ނަގާފައިވާނެ ކަމަށެވެ. އަދި ބަހުގެ ހިދުމަތް ދިނުމަކީ ބޭކާރު ހަރަދެއްކަމުގައިވެސް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345