އެމްޓީސީސީ

މާލެ ސަރަހައްދުގެ ފެރީތަކަށް މިހާރު ކާޑުން ފައިސާ ދެއްކޭނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ -- އެމްޓީސީސީން ފޯރުކޮށްދެމުންދާ ގްރޭޓާ މާލެ ފެރީ ދަތުރުފަތުރުގެ ހިދުމަތުގެ ޓިކެޓިން ނިޒާމު އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ބަދަލުކޮށް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ގްރޭޓާ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކޮށް ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށީގެން މާލެ-ވިލިމާލެ، މާލެ-ތިލަފުށި، މާލެ-ގުޅީފަޅު، މާލެ-ހުޅުމާލެ ފެރީ ހިދުމަތުގެ ޓިކެޓިން ނިޒާމު އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިގޮތުން އާރްޓީއެލް ގްރޭޓާ މާލެ ސަރަހައްދުގެ ފެރީ ހިދުމަތަށް ތިން ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެގޮތުން އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް ގަނެވޭނެ ކަމަށާއި ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް އަދި އެހެނިހެން ބޭންކްތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޑް އީ.އެމް.ވީ ކާޑު (މާސްޓާ ކާޑު ނުވަތަ ވިސާ ކާޑު) ޓާމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ކޮށްގެން ފެރީ ދަތުރަށް ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން ގްރޭޓާ މާލެ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔު.އާރް ޓިކެޓް ގަނެގެންވެސް ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކުރެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ދަތުރު ކާޑުތަކަށް ޓޮޕްއަޕް ކުރުމުގެ ހިދުމަތް ޑިސެމްބަރު ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ. ޑިސެމްބަރު 31 ގެ ފަހުން ދަތުރު ކާޑުގައި ބާކީ ފައިސާ ހުރި ނަމަ ޖެނުއަރީ 31، 2024 ގެ ކުރިން ރިފަންޑަށް ހުށަހެޅުމުން ރިފަންޑް ލިބޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައި ހުރި ސީޒަން ޕާސްތައް މުއްދަތު ހަމަވާ ތާރީހާ ހަމަށް ބޭނުން ކުރެވޭނެ ކަމަށާއި މުއްދަތު ހަމަވުމުން ސީޒަން ޕާސްތައް އިތުރަށް އާ ކޮށް ނުދޭނެ ކަމަށެވެ.

ޓިކެޓިން ނިޒާމު ބަދަލުވި ނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިން އައިޑީކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަަތުރުކުރެވޭނެ ކަމަށާއި ޔުނިފޯމްގައި ތިބޭ ސްކޫލު ދަަރިވަރުންނާއި ކޮލެޖު ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން ސްޓޫޑެންޓް ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.