އެމްޓީސީސީ

ވިލިމާލެ ބަސް ދަތުރަށް މާދަމާ އިން ފެށިގެން ފަސް ރުފިޔާ ނަގަނީ

އެމްޓީސީސީ އިން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ވިލިމާލޭގައި ދޭ ބަހުގެ ހިދުމަތަށް މާދަމާއިން ފެށިގެން އަގު ނަގަން ނިންމައިފި އެވެ.

މިިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވިލިމާލޭގައި ތިމާވެށްޓާއި ރައްޓެހި އިލެކްޓްރޮނިކް ވެހިކަލް (އީވީ) ބަހުގެ ހިދުމަތް ދޭން ފަށާފައިވާއިރު ފުރަތަމަ ދެ ހަފުތާ މި ހިދުމަތް ދީފައިވަނީ އެއްވެސް އަގެއް ނުނަގަ އެވެ. ނަމަވެސް މާދަމާ އިން ފެށިގެން ބަހުގައި ކުރާ ދަތުރަކަށް ފަސް ރުފިޔާ ނަގަން ވަނީ ނިންމާފަ އެވެ.

ވިލިމާލޭ ބަހުގެ ހިދުމަތަށް ތިން ގޮތަކަށް ފައިސާވ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ، އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނަގައިގެންނައު، ކޮންކްޓެކްޓްލެސް މާސްޓާކާޑް އަދި ވިސާ ޑެބިޓް ކާޑް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓް ގަނެގެންނެވެ.

ޓިކެޓަށް އަގު ދައްކާއިރު ސީދާ ފަސް ރުފިޔާ ދެއްކުމަށް އެމްޓީސީސީ އިން އެދިފައިވެ އެވެ. އެ ކުންފުނިން ބުނީ މާރުނުކުރެވޭނެ ކަމަށެެވެ. އަދި ޓާމިނަލްތަކުގައި ބަހުގެ ހިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ އެވެ.

މާދަމާއިން ފެށިގެން ބަސް ދަތުރަށް އަގު ނަގަން ނިންމި ނަމަވެސް، ބަހުގައި ދަތުރުކުރާ އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީ އިން ވިލިމާލޭގައި ހިދުމަތް ދިނުމަށް ބޭނުންކުރާ އީވީ ބަހުގައި 15 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުރެ އެވެ. އެއީ އިށީންނަން 11 ޖާގަ އާއި ކޮޅަށް ހުރެގެން ދަތުރު ކުރުމަށް ހަތަރު ޖާގަ އެވެ.