މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށަން ނިންމިއިރު މާލެ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވުމަށް 10 ބަގީ މާލެ ގެނެސް އަންނަ މަހުގެ ކުރީކޮޅު ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ނިންމުމާއި ގުޅިގެންނެވެ.
ވިލިމާލޭގައި ސިޓީ ކައުންސިލުގެ ފަރާތުން ބަގީގެ ހިދުމަތް ދިނުމަށް އެ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ބޭއްވި އެކައުންސިލުގެ ހަތަރުވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގަ އެވެ.
މި ބަގީތަކުގެ ތެރޭގައި މުދާ، ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭ ބަގީއާއި ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ ބަގީ ވެސް ހިމެނެ އެވެ.
މި މައްސަލައިގައި އަވަސް އިން ސުވާލުކުރުމުން މޭޔަރު މުއިއްޒު ވިދާޅުވީ އެމްޓީސީސީ އިން ވިލިމާލޭގައި ތިމާވެއްޓާއި ރައްޓެހި ބަހުގެ ހިދުމަތް ފަށަން ތައްޔާރުވާކަން އެ ކައުންސިލަށް އެނގުނީ ވެސް މިއަދު ސޯޝަލް މީޑިއާއިން އެ ހަބަރު ފެނުމުން ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ވެސް މިއަދު މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް އެބޭފުޅުން ކުރި ކަމެއް މީ. އަޅުގަނޑަކަށް ނުފެނޭ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށަން އުޅެނިކޮށް ސަރުކާރުން ވިލިމާލޭގަ ބަސް ދުއްވަން ވީ ސަބަބެއް،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން އުޅެނީ ސަރުކާރުގެ ހުއްދައާއި މަޝްވަރާއާއެކުގައި ކަމަށާއި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމަކީ ބޭކާރު ހަރަދެއް ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.
ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށްވެސް އެމްޓީސީސީން މިއަދު ވަނީ ބުނެފަ އެވެ.
ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ރައްޓެހި ބަހުގައި 15 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ އެވެ. އެއީ އިށީންނަން 11 ޖާގަ އާއި ކޮޅަށް ހުރެގެން ދަތުރު ކުރުމަށް ހަތަރު ޖާގަ އެވެ.
ވިލިމާލޭގައި މިހާރުވެސް އަމިއްލަ ފަރާތަކުން ބަގީގެ ހިދުމަތްދެ އެވެ. ނަމަވެސް ހިދުމަތް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާތީ އާންމުންގެ ޝަކުވާ ބޮޑެވެ.
ވިލިމާލެ އަކީ ތެޔޮ އަޅައިގެން ދުއްވާ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ މާލޭގެ ހަމައެކަނި އަވަށެވެ.