ޑރ. މުހައްމަދު މުއިއްޒު

ވިލިމާލެއަށް ބަސްތައް އެރުވީ "ވަގަށް": މުއިއްޒު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލެއަށް ބަސްތަކެއް އެރުވީ "ވަގަށް" ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާއިރު ބަސްތައް މިހާރު ވަނީ ވިލިމާލެއަށް ގެންގޮސްފަ އެވެ.

އެމްޓީސީސީ އިން ވިލިމާލެއަށް ގެންގޮސްފައިވާ ބަހުގެ ފޮޓޯތައް ޓްވިޓާގައި ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ބަސްތައް އެރުވީ ގަވާއިދާ ހިލާފަށް ކަމަށެވެ.

"ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވާއިދާ ހިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެކަން ވާނީ ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސަމާލުކަމަށް ގެނެސްފަ އެވެ.

"ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ގާނޫނުތައް މުގުރާލުން އިންތިހާގައި!" މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށަށް ނިންމިއިރު މާލޭ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެ އަވަށް ބަސްތަކެއް ގެންގޮސްފައިވަނީ މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވުމަށް 10 ބަގީ މާލެ ގެނެސް އަންނަ މަހުގެ ކުރީކޮޅު ހިދުމަތް ފެށުމަށް ނިންމާ އެކަން އިއުލާންކުރި ފަހުންނެވެ. ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީ އިން އިއުލާންކުރީވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުނި ފަހުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން އުޅޭކަން އޭނާއަށް އެނގިވަޑައިގަތީ ނޫސްތަކުންނެވެ.

"ރައްޔިތުންގެ ފައިސާ. އެމްޓީސީސީ އަކީ ސަރުކާރު. ރައްޔިތުންގެ ކުންފުންޏެއް. އެހެންވީމާ ރައްޔިތުންގެ ފައިސާ އެއްކަމަކަށް ޑަބަލްކޮށް ހަރަދުކޮށް މިކަހަލަ ކަންކަމަކީ އެ އޭންގަލުން ބަލައިފިއްޔާ ދެކޮޅު ޖެހޭ ކަމެއް ނޫން. ހަމަޖެހޭ ވާހަކައެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ކައުންސިލްގެ މެންބަރުން ވެސް ވަނީ އެމްޓީސީސީ އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ނިންމިއިރު އެ ކައުންސިލާ އެއްވެސް މަޝްވަރާކޮށްފައި ނުވާ ކަމަށް ވިދާޅުވެ އެމްޓީސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލަށް ހުއްދަ ވެސް ދީފަ އެވެ.