އެމްޓީސީސީ

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު މާލެ އަދި ހުޅުމާލެ އާއި އެއްފަސްގަނޑަކުން ގުޅިފައި ނެތް ވިލިމާލެއަށް އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމަށްޓަކައި ތިމާވެށްޓާއި ރައްޓެހި އިލެކްޓްރޮނިކް ވެހިކަލް (އީވީ) ބަސް ހަމަޖައްސާފައިވާ ކަމަށެވެ.

ވިލިމާލޭގައި ހިދުމަތް ދިނުމަށްޓަކައި ބޭނުން ކުރާނީ ހަ އީވީ ބަސް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އީވީ ބަހުގައި 15 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ އެވެ. އެއީ އިށީންނަން 11 ޖާގަ އާއި ކޮޅަށް ހުރެގެން ދަތުރު ކުރުމަށް ހަތަރު ޖާގަ އެވެ.

ބަހުގެ ހިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން ދަތުރު ރޫޓާއި ޝެޑިއުލްގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

ވިލިމާލޭގައި އަންނަ ހުކުރު ދުވަހު ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފައިވާއިރު ވިލިމާލޭގައި ބަގީގެ ހިދުމަތް އަންނަ މަހު ފަށާނެކަން މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފައިވެ އެވެ.

ވިލިމާލޭގައި މިހާރުވެސް އަމިއްލަ ފަރާތަކުން ބަގީގެ ހިދުމަތްދެ އެވެ. ނަމަވެސް ހިދުމަތް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާތީ އާންމުންގެ ޝަކުވާ ބޮޑެވެ.

ވިލިމާލެ އަކީ ތެޔޮ އަޅައިގެން ދުއްވާ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ މާލޭގެ ހަމައެކަނި އަވަށެވެ.