ހަބަރު

އިންތިހާބު ފަސް ކުރަން އުޅޭ، ފުރުސަތު ނުދޭނަން: އިލެކްޝަންސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ފަސް ކުރަން އުޅޭ ކަމަށާއި، އެ ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ބެހޭ އެންމެ ފަހުގެ ތަފްސީލުތައް ދެއްވަމުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ، އިންތިހާބު ފަސް ކުރަން އުޅޭ ކަމުގެ ހަބަރުތައް ލިބުނު ކަމުގައި ވިޔަސް ފުރުސަތު ނުދޭނެ ކަމަށެވެ. އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ކެމްޕެއިން ކުރުމަށް ވާނީ މުއްދަތު ދީފައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކެމްޕެއިން ނުކޮށް މުއްދަތު އިތުރު ކުރަން އުޅޭ ކަމުގައި ވާނަމަ، އެ ޒިންމާ އިލެކްޝަންސް އިން އުފުލާކަށް ނުޖެހޭނެ ކަމަށެވެ.

"ގާނޫނުގައި ކަނޑައެޅިފައި އޮންނަ މުއްދަތަށް އަޅުގަނޑުމެން ވާނީ 30 ދުވަހުގެ މުއްދަތު ކޮންމެ ޕާޓީއަކަށްވެސް، ކޮންމެ ކެނޑިޑޭޓަކަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފައި. އަޅުގަނޑުމެން އެބޭފުޅުންނަށް ގާނޫނުގައި ކަނޑައެޅިފައި އޮތް މުއްދަތު ނުދީ އޮތްނަމަ، އެއީ އަޅުގަނޑުމެން ގާނޫނީ ގޮތުން އެކަމުގެ ޒިންމާ އުފުލަންޖެހޭ ކަމެއް. އެ ބޭފުޅުން ކެމްޕެއިން ނުކުރާ ކަމަށްވަންޏާ އޭގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުލާކަށްވެސް ނުޖެހޭނެ"

ޝަރީފް އިތުރަށް ވިދާޅުވީ، ބައެއް ފަރާތްތަކުން އިންތިހާބު ފަސް ކުރުމުގެ މަސައްކަތް ކުރާ ކަމުގެ ހަބަރު ލިބޭ ކަމަށާއި އިލެކްޝަންސް އިން ތިބީ އެކަމަށް ތައްޔާރު ވެގެން ކަމަށެވެ. އެހެންނަމަވެސް، މިހާތަަނަށް އެއްވެސް ކޯޓަކުން އިލެކްޝަންސް އަށް އެފަދަ މައްސަލަ އެއް ހުށަހަޅާފައިވާ ކަމުގެ ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ މި ފަހަރު ބާއްވާ މަޖިލިސް އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނޯންނާނެ. ސަބަބަކީ ފަސް ކުރަން ޖެހޭ ގާނޫނުން ލާޒިމް ކުރާ އެއްވެސް ކަމެއް ނޯންނާނެ. ގާނޫނުގައި ވާ ގޮތަށް އަޅުގަނޑުމެން ސަމާލުކަން ދީގެން، ކަންކަމުގައި ގާނޫނުން ކަނޑައަޅާފައި ހުރި ތާރީހުތަކާއި މުއްދަތާ ވީހާވެސް ކައިރިން މަސައްކަތް ކުރަމުން މިދަނީ"

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ބެހޭ ގޮތުން އެންމެ ފަހުގެ ތަފްސީލުތައް ދެއްވަމުން ވިދާޅުވީ، މި އިންތިހާބަށް ބޭނުންވާ ހުރިހާ ވޯޓު ކަރުދާސްތައް މިހާރު ވަނީ ޕްރިންޓުކޮށް ނިމިފައި ކަމަށެވެ. އަދި، އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.