ދުނިޔެ

ހަ މިލިއަނަށް ވުރެ ގިނަ ސީރިއާ މީހުން ރެފިއުޖީންނަށް ވެއްޖެ

Jul 10, 2015

ސީރިއާގެ ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމު ދޫކޮށް ގޮސްފައިވާ މީހުންގެ އަދަދު ހަ މިލިއަނަށް އަރާފައިވާ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.

ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީހުން ސީރިއާގެ ހާލަތާ ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ބުނި ގޮތުގައި އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން، 1.8 މިލިއަން މީހުން، ގޮސްފައިވަނީ އަވަށްޓެރި ތުރުކީއަށެވެ. މީގެ އިތުރުން، ލުބުނާނަށް އިތުރު 1.2 މިލިއަން މީހުން އެތެރެވެފައި ވާއިރު، އުރުންނަށް ގޮސްފައިވާ މީހުންގެ އަދަދު 629،000 އަށް އަރާފައިވާ ކަމަށް ބުންޏެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކުގައި ވެސް ސީރިއާގެ 270،000 ރެފިއުޖީން އެބަތިއްބެވެ.

އަވަށްޓެރި ގައުމުތަކަށް ދާ ސީރިއާގެ ރެފިއުޖީންގެ އަދަދު 4.7 މިލިއަނަށް އަރާނެ ކަމުގެ އިންޒާރު ވެސް އދ. އިން ދިނެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ގުޅޭ ބޯޑަރުތައް ކައިރީގައި ހަނގުރާމަ ހޫނުވަމުންދާ މި ދަނޑިވަޅުގައި ތުރުކީ އަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މާޗު 2011 ގައި ފެށުނު ދާހިލީ ހަނގުރާމައިގައި ސީރިއާ ތެރޭގައި ވެސް ހަތް މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދ. އިން އިއްޔެ ބުންޏެވެ.

"މިއީ މި ޖީލުގައި ކުރިމަތިވި އިންސާނީ އެންމެ ބޮޑު ކާރިސާ،" ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަނަރު އެންޓޯނިއޯ ގުޓެރޭސް އެ ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން ފެށި ހަނގުރާމަ ވަނީ ވަރުގަދަ ދާހިލީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ. އެ ހަނގުރާމައިގައި 230،000 އަށް ވުރެ ގިނަ އާއްމުން މަރުވެފައި ވާއިރު، ހަނގުރާމަވެރި ގްރޫޕުގެތަކުގެ މެދުގައި ވެސް ދަނީ ތަޅާފޮޅަމުންނެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ބާރު ވެސް ވަނީ ގަދަކޮށްފަ އެވެ.