ކުޅިވަރު

ސްޕޯޓްސް ޓްއަރިޒަމްގެ ތައާރަފުކުރަން ބޭރުގެ ދެ ކުޅުންތެރިން

ސްޕޯޓްސް ޓްއަރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ތައްޔާރީތައް ވުމުގެ ގޮތުން، ސްޕެއިން އާއި ޕޯޗްގަލްގެ ކުރީގެ ދެ ކުޅުންތެރިން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ރާއްޖެ އައީ، ސްޕެއިންގެ ސެލްޓަ ޑެ ވީގޯ އަށާއި ޑިޕޯޓިވޯ އަލަވޭޒްއަށް ކުރިން ކުޅުނު ޕަބްލޯ ކޮއިރާ އާއި ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަންގެ ކުލަބު ސީޑީއާރް ކުއާޓޭރެންސީ އަށާއި ތިން ވަނަ ޑިވިޝަންގެ ލޯލަޓޭނޯ ޑީސީއަށް ކުޅުނު ވީޓާ ކްއާޑްރޮސް އެވެ.

ޓްއަރިޒަމް މިނިސްޓްރީން ބުނީ، ކުރީގެ ދެ ކުޅުންތެރިން ރާއްޖޭގައި މަސައްކަތް ކުރާނީ، ސްޕޯޓްސް ޓްއަރިޒަމް ތައާރަފު ކުރުމުގެ ކުރިން، މިހާރު ރާއްޖޭގެ ކުޅިވަރު ފެސިލިޓީސްތަކުގެ ހާލަތު ބެލުމަށް ކަމަށެވެ.

"މިހާރުވެސް ޅ އަތޮޅުގައި ދަނޑުތަކެއް ހެދިފައި އެބަހުރި އެތަންތަނަށް ޒިޔާރަތްކުރުމަށް ފަހު ސްޕޯޓްސް ޓްއަރިޒަމްގެ ސްޓޭންޑަޑަށް ފެތޭ ގޮތަށް އެ ތަންތަން ތަރައްގީ ކުރާނެ ގޮތުގެ ލަފާ ރާއްޖެއަށް ދޭނެ،" ޓްއަރިޒަމް މިނިސްޓްރީން ވާހަކަ ދެއްކިވި އޮފިޝަލަކު ވިދާޅުވި އެވެ. "ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ތަންތަން މިއަދު މުޅިން ފައިނަލު ވެގެންދާނެ."

އޮފިޝަލް ވިދާޅުވީ، ކޮއިރާ އާއި ކްއާޑްރޮސް ގަލޮޅު ދަނޑަށް ޒިޔާރަތް ކުރައްވައި އެތަނުގެ މިހާރުގެ ހަލަތު ބަލައި ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ތަފުސީލު ދެއްވާނެ ކަމަށެވެ. ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު، ދާދީ ފަހުން ވިދާޅުވީ ގަލޮޅު ދަނޑު ޒަމާނާއެއްގޮތަށް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުންދާ ކަމަށެވެ.

"ގަލޮޅު ދަނޑު މަރަމާތު ކުރާއިރު އިންޓަނޭޝަނަލް ސްޓޭންޑަޑަށް ފެއްތުމަށް މިހާރު ހުރި ގޮތަށް ބަލާއިރު ގެންނަން ޖެހޭ ބަދަލުތަކުގެ ހިޔާލުވެސް ދެއްވާނެ." އޮފިޝަލް ވިދާޅުވި އެވެ.