ޓޫރިޒަމް

ޓުއަރިޒަމް ފެއިސްޓާ ސަލްގާޑޯ އާއެކު

ޓުއަރިޒަމް ދުވަސް ފަހާގަ ކުރާ ހަރަކާތްތަކުގެ ތެރެއިން، ކިޑްސް ފުޓްބޯލް ފެއިސްޓާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ބައިވެރިވާ ކިޑްސް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

އެއް ދުވަހަށް ގެންދާ މުބާރާތުގެ މެހެމާނެއްގެ ގޮތުގައި ސަލްގާޑޯ ބައިވެރި ވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހާއްސަ ދައުވަތަކަށެވެ. މިއަދު ހެދުނު ފެށި މުބާރާތުގައި މާލޭ ސަރަހައްދުގެ 17 ސްކޫލަކުން ވާދަ ކުރެ އެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިއަދު ހަވީރު 4:30 ގަ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ޑްރީމް ޓީމު ހޮވާނެ އެވެ. މޮޅު ކުޅުންތެރިޔާއަށް ސަލްގާޑޯ މެދުވެރިކޮށް ހާއްސަ ފުރުސަތެއް ދެ އެވެ.

ސްޕެއިންގެ ކުރީގެ ޑިފެންޑަރު ސަލްގާޑޯގެ ފުޓްބޯޅަ ކެރިއަރު ފެށީ ސެލްޓެ ޑެ ވިގޯއިންނެވެ. އެ ކުލަބަށް 11 މިލިއަން ޔޫރޯ ދިނުމަށް ފަހު ރެއާލް މެޑްރިޑުން އޭނާ ގެންދިޔައީ 1999 ވަނަ އަހަރު އެވެ.

މެޑްރިޑްގައި އޭނާގެ ފުރަތަމަ ސީޒަންގައިވެސް އޭނާ ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.