ކުޅިވަރު

ރާއްޖޭގެ ގައުމީ ޓީމުތަކުގެ ޖާޒީގައި ވިޒިޓް މޯލްޑިވްސް ޖަަހަނީ

ރާއްޖޭގެ ހުރިހާ ގައުމީ ޓީމުތަކެއްގެ ޖޯޒީގައި "ވިޒިޓް މޯލްޑިވްސް" ޖަހަން މަސައްކަތް ކުރައްވާ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ލަންޑަންގައި ނިމިގެންދިޔަ ޑަބްލިއުޓީއެމް ފެއާގެ ހަވާސާގައި އަލީ ވަހީދު ވިދާޅުވީ ހުރިހާ ކުޅިވަރުތަކަކުން ރާއްޖޭގެ ތަމްސީލް ކުރާ ގައުމީ ޓީމުތަކުގެ ޖޯޒީގައި ވިޒިޓް މޯލްޑިވްސް ޖަހަން މަސައްކަތް ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކުޅިވަރެއް ވެސް ވަރަށް މުހިންމު. ރާއްޖޭގެ ގައުމީ ޓީމް ތަކަކީ ރާއްޖޭގެ އެމްބެސެޑަރުން. ގައުމުގެ ފަހުރު. އަޅުގަނޑުގެ ވިސްނުން އެބަހުރި ރާއްޖެ ތަމްސީލް ކުރަންދާ ހުރިހާ ޓީމުތަކެއްގައި ވިޒިޓް މޯލްޑިވްސް ޖަހަން. ސަނީ ސައިޑް އޮފް ލައިފް ޖަހަން. މިއީ ޓޫރިޒަމް އިންޑަސްޓްރީ އާއި ސިނާއަތަށް ވެސް ކޮށްދެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބްރޭންޑް އިސްތިހާރު ކުރުމަށް ރާއްޖޭން ހޭދަ ކުރާ ކޮންމެ ފައިސާއަކީ ވެސް ފައިދާުހުރި ގޮތެއްގައި ނަތީޖާ ނެރެވޭ ގޮތަށް ކުރާ ކަމެއްކަން ޔަގީން ކުރައްވާނެ ކަމަށެވެ.

"ކޮންމެ ފައިސާ ފޮއްޗަކީ ވެސް އޭގެ ދެފުށް އޮންނަ ގޮތަށް ކުރިއަށް ގެންދަން ބޭނުންވަނީ. ކުޅިވަރަކީ ބޮޑު އެއްޗެއް. އަދި ޓޫރިޒަމް ސިނާއަތަކީ ވެސް ހަމައެކަނި ފަތުރުވެރިން ގެންނަން އިޝްތިހާރު ކުރުމާއެކީގައި މުޅި ޖަމާއަތަށް ފައިދާވާ ގޮތަށް މަސައްކަތް ކުރުން،: އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެއްބާރުލުމާއެކު، ސަރުކާރުން ދަނީ ރާއްޖޭގެ ބްރޭންޑިން އިޝްތިހާރު ކުރުން ވަރުގަދަ ކުރަން މަސައްކަތް ފަށާފަ އެވެ. އެގޮތުން ރާއްޖެ އިން ވަނީ ލަލީގާގެ ސެލްޓަ ވީގޯއާއެކު އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.