ކުޑަ ކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން ރިންގް ރޯޑްގައި ދުއްވި މަައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަކުއްޖާ ލައިފައި އިންނަނީ ސައިކަލު ވަށގަނޑު ތެރެ އަށެވެ. އަދި ސައިކަލު ދުއްވާފައި ދަނީ ފިރިހެނެކެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރު އަންނަނީ ފުލުހުން ބަލަމުންނެވެ. އަދި ސައިކަލު ވަށިގަނޑަށް ކުޑަކުއްޖެއް ލައިގެން ދުއްވާފައި ދިޔައީ ފުލުހެއް ކަމަށް ވަނީ ޔަގީންވެފައި ކަމަށް ފުލުހުންގެ އެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާގެ ލައިސެންސް ހިފެހެއްޓުމުގެ މަސައްކަތް ޓްރާންސްޕޯޓު އޮތޯރިޓީ އާ ގުޅިގެން މިހާރު ކުރަމުން ކަމަށެވެ. އަދި ކުޑަކުއްޖެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ ގޮތަކަށް ފުލުހަކު އަމަލުކުރި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކަމަށް އެންމެން ވެސް އިހުތިރާމްކޮށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.