ލައިފްސްޓައިލް

ކުޑަ ދަރިފުޅުގެ ކޮޓަރި ރީތިކޮށްލަ ދެނީ ރައޫ!

ދަރިއެއް ލިބެން އުޅޭ އިރު ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ވިސްނާނީ ދަރިފުޅަށް ބޭނުންވާ އެންމެ ފުރިހަމަ ސާމާނު ހޯދާށެވެ. އެނދުގައި ބަހައްޓާ ބާލީސް އުރައިން ފެށިގެން ސޮނި ލިބާސް ވެސް، އެކި ކުލަ ކުލައިން ތައްޔާރުކޮށް ހުންނާނީ އެކަން ނިންމައިފަ އެވެ. މީހުން ލައްވާ ފައްސައިގެން ނަމަވެސް ވިހަން ވާއިރަށް ހުރިހާ ކަމެއް ނިންމާނެ އެވެ. ބާލިސް އުރަ ޑިޒައިން ކުރުމާއި އެނދުގައި ބަހައްޓާނެ ސާމާނު ހޯދުމަށް މިހާރު އާ ގޮތްތަކެއް ވެސް ދިވެހިން ހޯދައިފި އެވެ. ކުޑަ ދަރިފުޅު ނިންދަވަން ކޮޓަރީގެ އެއް ކަނެއްގައި "ބޭބީ ކޯނާ" އެއް ތައްޔާރު ކުރުމަކީ ދިވެހިންގެ އާދަޔަކަށް ވެސް ވެއްޖެ އެވެ.

އައިޝަތު ރައުފާ، ރައޫ ވެސް އެންމެ ފުރަތަމަ ބޭބީ ކޯނާއެއް ތައްޔާރު ކުރީ އަމިއްލަ ދަރިފުޅަށެވެ. ދަރިއަކަށް ބަނޑުބޮޑުވެ، ވިހަން ކައިރި ވުމުން އޭރު އުޅުނު ވަޒީފާ އިން ރައޫ ވަކިވެ، ގޭގައި އިދެގެން ކުރި ކަމަކީ ކޮޓަރީގައި ދަރިފުޅަށް ހާއްސަކޮށް ކުޑަ ތަނެއް ހަދައި ކޮޓަރިތެރެ މުޅިން އާ ގޮތަކަށް އިންތިޒާމްކޮށްލީ އެވެ.

ރައުގެ ކޮޓަރީގެ ކުޑަ ކަނެއްގައި ކުލަ ލައި މަންޒަރު ކުރަހައި ދަރިފުޅު ކުޅޭނެހެން ހީވާނެ ކަހަލަ އެއްޗެހި ހަދައި ކޮޓަރީގައި އެކުވާ މުޅި ކޮޓަރި ނަލަކޮށްލީ އެވެ. އަލަތު ދަރިފުޅަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މުޅި ކޮޓަރި ޒީނަތްތެރި ކުރުމުގެ މި ހުރިހާ ކަމެއް ވެސް ކުރީ ރައޫ އެކަނިމާ އެކަންޏެވެ. ދަރިފުޅުގެ ކޮޓަރި ރީތިކުރަން ކުރި މަސައްކަތް ކުޑަ ވިޔަފާރި އަކަށް އެންމެ ފަހުން ބަދަލުވީ އެވެ. ތުއްތު ދަރިފުޅު އުފަންވުމުގެ ކުރިން ކޮޓަރި ތެރެ ޒީނަތްތެރި ކުރަން ބޭނުންވާ މައިންބަފައިން ރައޫއަށް ގުޅާލުމުން ހުރިހާ ކަމެއް ހަމަޖެހުނީ އެވެ.

"ރައު ވިހަން ވެގެން ހިތައް އެރީ ވަރަށް ރީތިކޮންނޭ ބޭބީ ކޮށި ހަދާނީ. ދެން ކޮށި ކައިރިވެސް ރީތި ކުރާނީ އަމިއްލަ އަށޭ. އެކި އެއްޗެހި ބަލައިގެން އަމިއްލަ އަށް ހެދީ ބޭބީ އަށް ބޭނުންވާ ކުދި ސާމާނު. ބޭބީ ބޯ މަތީގައި އެނދުގައި ހަރުކޮށްފައި ހުންނަ އެއްޗާއި ބޭބީގެ ނަމާއި ބާލިސް އުރަތައް ދެން އެކަހަލަ ކުދި ކުދި އެއްޗެހި ހެދީ އަމިއްލައަށް. ދެން އެ ހިސާބުން ހިތައް އެރީ ދެން އަމިއްލައަށް މިކަން ކޮށްލާނީއޭ،" ރައޫ ބުންޏެވެ.

ރައު މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. ފޮތި ޒާތަކަށް ހުންނަ ކަރުދާހެއް ކަފައިގެން އެކި ޑިޒައިންތަކަކަށް ތުއްތު ކުދިންނަށް ބޭނުންވާ ސާމާނު އޭނާ ތައްޔާރު ކުރަނީ އަމިއްލަ ޑިޒައިންތަކާއި ހިޔާލުތަކަށެވެ. ކުޑަކުދިން ނިންދަވާ ކޮށީގައި އެލުވާނެ ކުޅޭ އެއްޗެހި ވެސް ތަފާތު ކުލަތަކާއި ބައްޓަންތަކަށް ރައޫ ހަދައިދެ އެވެ. އެނދުގެ ބެޑްޝީޓާއި ބާލިސް އުރަތަކުން ގޮސް ބޭބީ އެނދު ކައިރި ފާރުގައިވެސް ހުންނަނީ ރައޫގެ ބުރަ މަސައްކަތުން ކުރަހާފައިވާ މަންޒަރެވެ. ރައޫއަކީ ބޭބީ "ކޯނާ ތައްޔާރު" ކުުރުމުގެ އޯލްއިން ވަން ސޮލިއުޝަންއެކެވެ.

ވިހެއުމުން ދަރިފުޅު ދެކިލުމަށް އެތައް ބަޔަކު ގެޔަށް ޒިޔާރަތް ކުރާއިރު ކުއްޖާ ގޭތެރެ ޒީނަތްތެރި ކުރުމުގެ މި އާދަޔަށް ރައޫ މި ވަނީ ޒަމާނީ ބަދަލެއް ގެނެސްދީފަ އެވެ. މިކަމުގައިވެސް ޒަމާނީ ކުލަވަރު ޖެހި މިހާރު ފެންނަނީ ތަފާތު އާ ކުލަތަކަކާއި ބައްޓަން ތަކެވެ. ބޮޑެތި ރަނގަބީލުތަކާއި ޕްލާސްޓިކް ކުޅޭ އެއްޗިއްސަށް ނޫނެކޭ ބުނެ، ދިވެހިންނަށް މިހާރު ކަމުދަނީ ތިމާވެއްޓާ ރައްޓެހި ޒަމާނީ އުފެއްދުންތަކެވެ. ހާއްސަކޮށް އުފެއްދުންތެރި ދިވެހިންގެ ހުނަރުތަކަށް ހޫނު މަރުހަބާ ކިޔަ އެވެ.

ރައުގެ އަމިއްލަ ކޮޓަރި ރީތި ކުރުމަށްފަހު އެހެން މީހުންގެ ކޮޓަރިތައް ރީތިކޮށްދީ ނަލަ ކުރާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. ބާލީސް ތަކާއި އެނދުގެ މަތީގައި އެލުވާނެ އެއްޗެހި ހަދާފައި ކުޑަކުއްޖާ ހެއްވާލަނީ ރައުގެ "ލިޓްލް ގިގްލްސް"ގެ އުފެއްދުންތަކުންނެވެ. އޭނާގެ ޒަމާނީ ކުލަތަކާއި ޑިޒައިންތަކުން ކުޅޭ އެއްޗެހިވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ.

ރައު އަމިއްލަ އަށް ހަދާފައި ހުންނަ އެއްޗެހި ކުޑަކުދިންގެ ކޮށި މަތީގައި އެލުވައި ޝައުގުވެރި ކަމާއެކު ކޮށީގައި އޮންނަ ދަރިފުޅު އެއަށް ބަލަހައްޓައިގެން ހުންނަ މަންޒަރު ފެނުމުން ކުރެވެނީ މައިވަންތަކަމުގެ އިހުސާސެއް ކަމަށް ރައު ބުނެ އެވެ. ވިހައިގެން އުޅޭ މަަންމަ އަކަށް ރައުގެ ފަރާތުން މި ދޭ ހަދިޔާއިން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީވެސް މި އެވެ. ރައުގެ ދަރިފުޅު އޭނާ ހެދި ކުޅޭ އެއްޗިއްސަށް ބެލި ދުވަސް އޭނާގެ ކޮންމެ އުފެއްދުމަކަށްފަހު ތަކުރާރުވާ މަންޒަރު އޭނާ އަށް ސިފަވެ އެވެ. އޭނާގެ ކުޅަދާނަ ކަވި މަސައްކަތަށް ތިއްތު ކުއްޖަކު ލޯތްބާއެކު ބަސްއަހައިގެން ބަލަހައްޓައިގެން އޮތުމަކީ ރައޫއަށް މިއަދު ލިބޭ އެންމެ ބޮޑު އުފަލެވެ.