ހަބަރު

ރަހުމަތްތެރިންގެ މެދުގައި ރާއްޖޭން ވަކިކޮޅަކަށް ނުޖެހޭނެ: ޝާހިދު

Apr 9, 2019
2

ސަރަހައްދުގެ ދެ ބާރު ކަމަށްވާ އިންޑިއާ އަދި ޗައިނާއާ ދެމެދަށް ރާއްޖޭން ވަންނަންނުޖެހޭ ކަމަށާއި، ރަހުމަތްތެރި ގައުމުތަކުގެ މެދުގައި ވަކިކޮޅަކަށް ރާއްޖޭން ނުޖެހެނޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން އަވަށްޓެރި އިންޑިއާ އާއެކު އޮންނަ ގުޅުން ރާއްޖޭގެ ތާރީހުގައިވެސް ނުވާ ވަރަށް ބަދަހިވެފައިވާކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބިޔަ ލޯނުތަކުގެ އިތުރުން، ޗައިނާއިން އަބަދުވެސް ވަމުންދާ އެހީތެރިކަން ބަލައިގަންނަންޖެހޭކަމަށް ޝާހިދު އިތުރަށް ވިދާޅުވި އެވެ.

"ހަމަ ޔަގީނުންވެސް ޗައިނާއަކީ ވަރަށް ރަނގަޅު ރަހުމަތްތެރި ގައުމެއް. ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެދީފައިވާ ގައުމެއް. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސޯދު. އެހެންވީމާ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ ޗައިނާއާއެކު އެއްވެސް ގުޅުމެއް ނުބާއްވާނަމޭ. އެއީ ބޭރުގެ ގައުމުތަކުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތައްޖެހޭ ބަލައިގަންނަން،" ޝާހިދު ތަފްސީލުކޮށްދެއްވި އެވެ.

"ރަހުމަތްތެރިންގެ މެދުގައި ވަކިކޮޅެއް ނަގަންޖެހޭ ގޮތަށް ރާއްޖެއަށް މަޖުބޫރުކުރުވަން އުޅެފިނަމަ އެ ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނުފެނޭ."

ނަމަވެސް، އިންޑިއާއާއެކު އޮންނަ ގުޅުން މުހިންމުވާ ސަބަބުތަކަށް އަލިއަޅުވާލައްވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ފެށިގެން، 2004 ގެ ސުނާމީއާ މިދިޔަ ސަރުކާރުގައި ރާއްޖެ ފެނަށް ޖެހުމުންވެސް، ދިވެހިންނަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ އިންޑިއާ ކަމަށެވެ.