ހަބަރު

ޗައިނާ އާއި އިންޑިއާގެ ސަފީރުންނާއި ޝާހިދު ބައްދަލުކުރައްވައިފި

ޗައިނާ އާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވީ ހޯމަ ދުވަހު މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ މުހިއްމު އެކުވެރި އެއް ކަމަށާއި މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު އެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި، މަޝްރޫއުތަކުގެ ހިނގުން އަވަސް ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.