ބޭރު ކުޅިވަރު

ގޮތްދޫކޮށްލައި ސްޓާލިން ލިވަޕޫލާއެކު ދަތުރަށް ތައްޔާރު

Jul 12, 2015

ކުލަބު ބަދަލުކުރުމަށް ބޮޑާހާކުންދިޔަ ނަމަވެސް އެންމެ ފަހުން ގޮތްދޫކޮށްލައި ރަހީމް ސްޓާލިން ލިވަޕޫލް އޭޝިޔާ އަށް ކުރާ ދަތުރަށް ތައްޔާރުވެއްޖެ އެވެ.

އޭނާ ކުރިން ވަނީ ދެ ދުވަހު ޕްރެކްޓިހަށް ނުނުކުމެ ހުރެފައި ބަލިވެ އުޅޭކަމަށް ބުނެ، ދަތުރުދާން ވެސް ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް އެންމެ ފަހުން ދަތުރުދާން ނިންމީ އެނޫން ގޮތެއް ނެތް ކަމަށް ކުލަބުން އެންގުމުންނެވެ.

އުމުރުން 20 އަހަރުގެ އިނގިރޭސި ގައުމީ ޓީމުގެ ވެސް ކުޅުންތެރިޔާ ލިވަޕޫލް ދޫކޮށްދާން ބޭނުންވަނީ ވާދަވެރި މެންޗެސްޓާ ސިޓީ އަށެވެ. ނަމަވެސް އެކުލަބުން އޭނާ އަށް ހުށަހެޅި ދެ ބިޑަށް ވެސް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެކުލަބުން އޭނާ ވިއްކާލަން ބޭނުންނުވާއިރު ސިޓީން މިހާރު ވަނީ 40 މިލިއަން ޕައުންޑާއެކު ތިން ވަނަ ބިޑެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ލިވަޕޫކުން އޭނާ ވިއްކާލުމަށް ވިސްނާނީ ވެސް މަދުވެގެން 50 މިލިއަން ޕައުންޑަށެވެ.

ސްޓާލިން ލިވަޕޫލް ދޫކޮށްދާން އުޅޭތީވެ އިނގިރޭސި ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ބުނަނީ ސްޓާލިންގެ ވިސްނުން ބަދަލުކުރުމުގައި އޭނާގެ އެޖެންޓް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

ލިވަޕޫލްގެ ދަތުރުގައި ޓީމާ އަލަށް ކުޅުނު ރޮބާޓޯ ފިރްމިނޯ އާއި އޭނާއާ އެކު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅޭ ފިލިޕް ކުޓީނިއޯ އާއި ޖަރުމަނުގެ އެމްރޭ ކޭން ބައިވެރިނުވާނެ އެވެ. އެއީ އެމީހުންނަށް ދީފައިވާ ޗުއްޓީ ނުނިމޭތީ އެވެ. ނަމަވެސް މާރިއޯ ބަލޮޓެއްލީ ބައިވެރިވާނެ އެވެ.

ލިވަޕޫލް މިއަދު ދާނީ ތައިލެންޑަށެވެ. އޭގެ ފަހުން އޮސްޓްރޭލިޔާ އާއި މެލޭޝިޔާއަށެވެ.