ދުނިޔެ

ސޫދާންގެ އަސްކަރިއްޔާއިން އުމަރު އަލްބަޝީރު މަގާމުން ދުރުކުރަނީ

ސޫދާން ރައްޔިތުންގެ އެތައްހާސް ބަޔަކު އެ ގައުމުގެ ރައީސް އުމަރު އަލްބަޝީރުގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށް އެ ގައުމުގެ އަސްކަރިއްޔާއިން ނުކުމެ ރައީސް އުމަރު އަލްބަޝީރު މަގާމުން ދުރުކުރަން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައްް ބުނެފި އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި އެގޮތަށް ބެލެވެން ފެށީ، އެ ގައުމުގެ އަސްކަރިއްޔާގެ ހަތިޔާރު އެޅި ސިފައިން ނިކުމެ ރައީސް އަލްބަޝީރުގެ އޮފީހާއި ގެކޮޅު ވަށާލައި އަދި ގައުމީ ޓީވީ އާއި ރޭޑިއޯ ވެސް ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެނެވެ.

ސިފައިން ދައުލަތުގެ މީޑިއާގެ މައި އިދާރާ ހިސޯރު ކުރިތާ އިރުކޮޅެއްގެ ތެރޭގައި ސޫދާންގެ ގައުމީ ޓީވީއިން އިއުލާން ކުރީ ސިފައިން ވަރަށް މުހިންމު މެސެޖެއް މިއަދުގެ ވަގުތެއްގައި ބްރޮޑްކާސްޓް ކުރާނެ ކަމަށެވެ.

އިންސާނިއްޔަތާ ހިލާފު އެތައް އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތައް އޮތް ރައީސް އުމަރު އަލް ބަޝީރުގެ ދުވަސްވީ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިއަދުގެ އެނައުންސްމަންޓާއެކު މުޒާހަރާ ކުރާ ގިނަ އަދަދެއްްގެ އާންމުން، އެ ގައުމުގެ ސިފައިންގެ މައި މަރުކަޒު، ޙަރްތޫމް ސިފައިންގެ މަރުކަޒު ކައިރިއަށް ދަނީ އެއްވެ އުމަރު އަލްބަޝީރާ ދެކޮޅަށް އަޑުއުފުލަމުން އެވެ.

މުޒާހަރާ ކުރާ މީހުން ގޮވާލަމުން ދަނީ އެގައުމުގައި މިހާރު 30 އަހަރު ވަންދެން ވެރިކަން ކުރައްވަމުން ގެންދަވާ، ރައީސް އޮމަރު އަލްބަޝީރު ގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

މުޒާހަރާތައް ވަރުގަދަވި ފަހުން ހަ ވަނަ ދުވަހަކަށް ދިގުދެމިގެން ދާއިރު އެގައުމުގެ މީޑިއާއިން އިތުރު ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ރޮއިޓާޒް ގެ ރިޕޯޓަރެއް ބުނާ ގޮތުގައި އެ ގައުމުގެ މައި މަގުތަކުގައި ހަތިޔާރު އެޅި ސިފައިން ގެންދަނީ ހަރަކާތްތެރިވަމުން ދެއެވެ.

ގިނަ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަލްބަޝީރުގެ ގެކޮޅު ސިފައިން ވަށާލާ ގިނަ އަދަދެއްގެ އޮފިޝަލުންނާއި ސިޔާސީ ލީޑަރުން މިހާރުވަނީ ސިފައިންގެ ބެލުމުގެ ދަށުގައެވެ. ޙަރްތޫމް އިންޓަނޭޝަނަލް އެއާޕޯޓުވެސް މިހާރު ބަންދު ކޮށްފައިވާކަމަށް އަލްހަދަތު ޓީވީއިން ރިޕޯޓު ކުރެ އެވެ.