އާބިދާ އިސްމާއީލަށް ވީގޮތަކީ ވަރަށް ފާޑެެއްގެ ގޮތެކެވެ. ދިގު ހެދުމެއްލާ ވަރަށް ބޮޑުވުމުން މަންމަ ފޮތިގަނޑެއްދީފައި އަމިއްލައަށް ކަނޑައި ފަހައިގެން ލާށޭ ބުނީ އެވެ. އެހެންވޭ ހެއްޔެވެ؟ ބައެއް ފަހަރަށް އެހެންވެސް ވެއެވެ. ވީގޮތް މިއީ އެވެ: "ދިގު ހެދުން ލާ ހިސާބަށް ދިއުމުން، މަންމަ ގެނެސްދިނީ ފޮތިގަނޑެއް. ދީފައި ބުނީ އަމިއްލައަށް ފަހައިގެން ލާށޭ. ދެން އަމިއްލައަށް ފެހޭނެ ގޮތެއް ނެތުމުން ހަދާނެ ގޮތެއް ނޭނގިގެން ވަރަށް ރޮއެ ރޮއެފައި އަމިއްލައަށް އޭތި ކަނޑައިގެން ފަހައިގެން ލީ،"
މަންމަ ދިން ހައެއްކަ މުށް ފޮތިން ފެހި ދިގު ހެދުމާއެކު ހަމައެކަނި އާބިދާގެ ޒުވާން އުމުރުގެ ލައިފް ސްޓައިލް ބަދަލުވީ އެއް ނޫނެވެ. މުޅި ހަޔާތްވެސް ބަދަލުވީ އެވެ. ލާނެ ދިގު ހެދުމެއް ފަހަން އިށީނދެ ކަތުރުގައި ހިފި އިރު ހުރި ކޮށިކަމެއް މިހާރަކު ނެތެވެ. މިހާރު އާބިދާ ކަތުރު ތޫނެވެ. ފެހުމުގައި "ކަނޑޫދޫގޭ އާބިދާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އާބިދާ ތިނޯހަށް ރޮދިލައްވާ ތޭރިތަކަށް ރޮދި އޮޅައި ބަރަންޏާ ވަތުއޮޑި ގުޅުވައިލުމުގައި ބައިގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އާބިދާ ބުނާ ގޮތުން ފައިން އަނބުރާ ސިންގަރު ފަހާފޮށީ ކައިރީގައި އޭނާ އިށީންއިރި އުމުރަކީ 11 އަހަރެވެ. މިހާރު އުމުރުން 63 އަހަރެވެ. -- އާބިދާ އަށް ދިގު އުމުރެއް މިންވަރު ކުރައްވާށި!
އެ ދުވަހު އާބިދާއަށް ޖެހުނީ އޭނާ ލާނެ ނަމްބަރު ހެދުމެއް ފަހާށެވެ. މިއަދު ވެސް އޭނާ ފަހަނީ ފާސްކުރި ހެދުމެވެ. މިއަދުގެ ތަފާތަކީ ހުއްޓާނުލައި ކުރި މަސައްކަތުން އެންމެން ދަންނަ އަދި މަގުބޫލު މަޝްހޫރު ފެހުންތެރިއަކަށް އާބިދާވެފައި ވުމެވެ. އޭނާ ފުރަތަމަ ފެހި ހެދުން އޮތީ ފާޑަކަށެވެ. ފަތި އެއްވަރު ނުވެފައި ގަޔަށް ހެޔޮވަރެއް ނޫނެވެ. މިހާރު އޭނާ ފަހާ ދިގު ހެދުމެއްގައި ކޮރު ކަމެއް އައިބެއް ނުހުރެ އެވެ. ގަޔަށް ހެޔޮވަރެވެ.
"ގަޔަށް ހެޔޮވަރުކޮށް ދިގު ހެދުމެއް ފެހި ދުވަހުން ފަށައިގެން މިއަދު ވެސް މި އަންނަނީ އެ ގޮތުގައި ދިގު ހެދުން ފަހަމުން،" އޭނާ ބުންޏެވެ
އަދިވެސް ވަރަށް ޒުވާންކޮށް ފެންނަ އާބިދާގެ ދިގު ހެދުން ފެހުމުގެ ދިގު ދަތުރުގައި އެތަކެއް ހާސް ހެދުން ފަހާފައި ވެއެވެ. އާބިދާއަށް އަބަދުވެސް ވާވަރަކީ ފަހާ ފޮށި ކައިރިއަށް ނުދެވެނީ އެވެ. އެކަމަކު ފޮށީ ކައިރީ އިށިނުމުން ދެން ނަގަން ޖެހޭނީ ގަދަ ކަމުންނެވެ.
"މަސައްކަތަށް ދެވިފައި އޮންނަ ލޯތްބެއްގެ ސަބަބުން އެހެން ވަނީ...." އޭނާ ބުންޏެވެ.
ގަޔަށް ހެޔޮވަރު ހެދުމެއް ފަހަން މަންމަ އާބިދާއާ ހަވާލު ކުރި އިރުވެސް އާބިދާގެ މަންމައަކީ ދިވެހި ލިބާހާއި ދިގު ހެދުމާއި ކުޑަކުދިންގެ ހެދުން ފަހާ މީހެކެވެ. މަންމަ ފަދައިން އާބިދާ ވެސް އޭރު ފަހަން ބޭނުންވެ އެވެ. ނަމަވެސް އަތުގައި ހިފަހައްޓައި ފަހަން ދަސްކޮށްދޭކަށް މަންމަ ބޭނުން ނުވެ އެވެ. މަންމަ ބޭނުންވާ ގޮތަކީ އަމިއްލައަށް ދަސްކުރުމެވެ.
"މަންމަ ގާތުގައި ދަސްކޮށްދޭށޭ ބުނީމަ ކުޑަކުއްޖަކަށްވުމުން ދަހެއް ނުކޮށްދޭ. އެކަމު ކުރާ ހިތްވާލެއް ބޮޑުކަމުންވާ ގޮތަކީ މަންމަ ހަމަ އެއްޗެއް ފަހަން ޖައްސާލާފަ ދުރަށް ޖެހިލާ އިރަށް އަވަހަށް އިށީނދެފައި ފަހާލަން... މަނަމް ރުޅިވެސް އާދޭ، އެއްޗެހިވެސް ކިޔާ އެކަމަކު އެ އަޑެއްނާހަން، ދެން ބޮޑުވުމުން މަންމަ މަސައްކަތް ހަވާލުކުރީ،"
އާބިދާ ބުނި ގޮތުގައި އޭނާގެ ޅަފުރާގައި ފަހަން އުޅެން ހަދައިގެން މަންމަގެ އެތައް ފޮތިގަނޑެއް އެނާގެ އަތުން ހަލާކުވި އެވެ. އަދި އޭގެ އަދަބުވެސް ލިބުނެވެ. އޭނާ ދެކޭ ގޮތުގައި ދިގު ހެދުން ފެހުމުގައި މިއަދު އޭނާއަށް އޮތް ފަހި ކަމާއި މަޝްހުރު ކަމަކީ އެ ދުވަހު މަންމަ ފަހަތުން ދުވުމުގެ ނަތީޖާ އެވެ.
އާބިދާގެ އަންހެން ދަރިފުޅު އާމިނަތު އަބީރު އިބްރާހިމް ބުނި ގޮތުގައި މަންމަ ދިގު ހެދުން ނުފަހާ ހަނދާނެއް ނުހުރެ އެވެ. ހަނދާންވާން ފެށި އިރު ވެސް މަންމަ އުޅެނީ ކަތުރު ހިފައިގެން ހެދުން ކަނޑާ ހެދުން ފަހާށެވެ.
"އަބަދުވެސް ހަނދާން ހުރޭ މަންމަ ފަހާ ކަން. އަޅުގަނޑުގެ ހެދުންތައް ވެސް މަންމަ ފަހައިދޭނީ. އެންމެ ކުޑައިރުން ފަށައިގެން ވަރަށް ބޮޑުވި އިރު ވެސް މަންމަ ހުރިހާ ހެދުމެއްހެން ފެހީ. ހެދުމެއް ފަހަން... ހާއްސަކޮށް ދިގު ހެދުމެއް ފަހަން މާ ގިނަ އިރެއް ނުނަގާނެ. އެންމެން ނިދުމުން މިތާ [ސިޓިންގް ރޫމްގައި ހުންނަ ފަހާ މޭޒު] ކައިރީ ހުރެ ހުރިހާ ހެދުންތަކެއް ކަނޑާނީ. ދެން އަނެއް ދުވަހު ފަހަން އިށީނނާނީ. ފޮށި ކައިރީ އިނދެގެން އެއް ދުވަހުން ވެސް ފަހާލަ ފާނެ ހަތަރު ފަސް ދިގު ހެދުން" އާބިދާގެ ދަރިފުޅު ބުންޏެވެ.
އާބިދާގެ ފެހުމަށް އަންހެންވެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. ދިގު ހެދުން ފެހުމުގައި އާބިދާ އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައިވާ އިރު ފެހުމާ ދުރަށްދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ފާސްކުރި ދިގު ހެދުން ފެހުމުގެ ވައްޓަފާޅިއަށް ބަދަލެއް ނުގެނެސް ތުނޑުލީ ބޯވަޅާއި ގޮށްފަތި ވެސް އޭގެ ގޮތުގައި ބާއްވައިގެން އޭނާ ދިގު ހެދުން ފަހައިދެ އެވެ.
އާބިދާގެ ދިގު ހެދުންތައް އެންމެ ގިނައިން ފެންނަނީ ރަސްމީ ޖަލްސާ ތަކުންނެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް އާބިދާ ދިގު ހެދުން ފަހައިދެ އެވެ.
"ވަރަށް ގިނަ އެހެން މެޑަމްތައް ވެސް އަޅުގަނޑު ލައްވާ ދިގު ހެދުން ފައްސަނީ" އޭނާ ބުންޏެވެ. -- އޭގެ ތެރޭގައި ފަސްޓްލޭޑީ ފަޒްނާ އާއި ކުރީގެ ފަސްޓްލޭޑީ ލައިލާ އަލީ އާއި މިނިސްޓަރު އައިޝަތު އަލީ އާއި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މެންބަރު އީވާ އަބްދުﷲ އާއި އެނޫނަސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ވަރަށް ގިނަ އަންހެން ބޭފުޅުން ހިމެނެ އެވެ.
"ހެދުން ހަޑިއޭ ބުނި މީހަކު ހަމަ އެކަކުވެސް ނެތް. ހަމަ ހުރިހާ ބޭފުޅުން ވެސް، އެ ހުރިހާ މެޑަމްތަކެއް ވެސް ހަމަ ރީތި ނަން އަޅުގަނޑަށް ދީފައި ހުރީ،" އާބިދާ ބުންޏެވެ.
އާބިދާގެ ގޭގެ ކުޑަ ސިޓިން ރޫމުގައި ކޮންމެ ދުވަހަކު ފޮއްޗާއި ބަރަނިތަކާއެކު ދިރިއުޅޭތާ އެތައް އަހަރެއްވީ ނަމަވެސް ވިޔަފާރި އެއްގެ ވިސްނުމެއް ނުގެން ގުޅެ އެވެ.
"އަޅުގަނޑު މީ ވަރަށް އެކަނިވެރި މީހެއް. އަޅުގަނޑުގެ ހުރީ ވެސް ދަރިފުޅަކާ ފިރިއަކާ އެކަނި. އެހެންވީމަ އަޅުގަނޑަކަށް މި މަސައްކަތް ހިފައިގެން އެހާ ބާރަކަށް ކުރިއަކަށް ނުދެވޭނެ. އެކަމަކު މީގަ އާރުލާ ރަނގަޅު ބަޔަކު އިސް ނަގައިގެން ފަހާ ތަނެއް ހުޅުވައިގެން އެކަން ދަސްކޮށްދޭން އެދިއްޖެއްޔާ ގޮސް ދޭނަން"
ފެހުމުގައި އާބިދާ ހޭދަ ކުރި ދިގު ޒަމާތަކަށް ދެމިފައިވާ "ހެދުމުގެ ފަސްބައި" ދަމަމުން އާބިދާ އަދިވެސް ފަހަނީ އެވެ. އޭނާ ހުރީ ދިވެހިންގެ އެތައް ހާސް ބަޔަކަށް އޭނާ ޖަރީކޮށްދިން ދިގު ހެދުމުގެ ފަސްބައިން އަތް ދޫކޮށްލާ ގޮތަކަށް ވެސް ނޫނެވެ. ފެހުމުގައި ފޮތިގަނޑު ވެސް އާބިދާގެ ކަތުރަށް ހޭނިފަ އެވެ. އޭނާ މިހާރު ޖަހާނީ މުޅީން ވެސް ރަން ރޮއްޖެވެ. ކަތުރާއި ވަތުއޮޑި ހިތަކަށް ވެފައިވާ ކަނޑޫދޫގޭ އާބިދާއަކީ މިއީ އެވެ.
ނަމަވެސް، ދިވެހިންގެ ރީތި ނަމްބަރު ހެދުން މަންޒަރުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އާބިދާއަށް އޮވެއެވެ. އޭނާ ބުނަނީ މިހެނެވެ: "މި ދިގު ހެދުން ދިވެހިންގެ އަތް މަތިން ދަނީ މި، މިހާރު އިނގިލި ބިންދާލާފަ ގުނާލެވެން އެބަ ތިބި ދިގު ހެދުން ފަހާ މީހުން. ދެން މި ތިބެނީ ހަމަ ރާއްޖޭން ބޭރު މީހުން މާލޭގަ ފަހާ މީހުންގެ އަތް މައްޗަށް މީތި މި ދޫކޮށްލަނީ. އެހެންވީމަ މި ވަރަށް ރަނގަޅު ކަންނޭނގެ ބަޔަކު އިސް ނަގައިގެން ދިވެހިންނަށް ދަސްކޮށްދީ ހިފަހައްޓަން"