ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަސްޓް ރެސްޕޮންޑާސް ސާވިސްގެ ދަށުން އަވަސް ފަރުވާ ދޭން ބަލި މީހާ އޮތް ތަނަށް ޑޮކްޓަރު ނުވަތަ ނަރުހުން ދިއުމަށް ސައިކަލް ބޭނުން ކުރަން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ޕެރަމެޑިކް ސައިކަލްގެ ހިދުމަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި ޕެރަމެޑިކް ސައިކަލް ބޭނުން ކުރަން ފަށަނީ އެމްބިއުލާންސްގައި ބަލި މީހާ އޮތްތަނަށް ދާން ނަގާ ވަގުތު ގިނަވާތީ މިހާތަނަށް ދިމާވަމުން އައި ކަންކަމާއި މައްސަލަތައް ފާހަގަ ކުރެވުމުން އެކަން ކަމަށް ނިމުމެއް ގެނައުމަށް ކަމަށެެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަން އިއްޔެ ހެންވޭރު ދަނޑުގައި ހާއްސަ ފެއާއެއް ބޭއްވި އިރު އޭޑީކޭއިން ވަނީ ޕެރަމެޑިކް ސައިކަލްގެ ހިދުމަތް ދޭނެ ގޮތް ދައްކާލާފަ އެވެ. އަންނަ ހަފުތާގައި އޭޑީކޭއިން މި ހިދުމަތް ފެށުމުން އެކްސިޑެންޓްތަކުގައި އަނިޔާވާ މީހާ އޮތް ސަރަހައްދަށް ޕެރަމެޑިކް ސައިކަލްގައި ގޮސް އަވަސް ފަރުވާ ދެވޭނެ އެވެ.
އޭޑީކޭއިން މި ހިދުމަތް ފަށަން ތައްޔާރުވެފައިވަނީ އެކަމަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ މީހުންނާއެކު އެވެ. އެކަމަށް ބޭނުން ކުރަނީ ޕީސީއެކްސް ސައިކަލް މޮޑިފައިކޮށް ހިދުމަތް ދޭ ސާމާނު އަޅާނެ ފޮއްޓެއް ހަރުކޮށްގެނެވެ.
އެކްސިޑެންޓްތައް ފަދަ ހާދިސާތަކުގައި މީހުން ހޮސްޕިޓަލަށް ގެންދިއުމުގަ އާއި ކުއްލި ފަރުވާ ދިނުމުގައި މިހާރު ވަރަށް ބޮޑެތި އުނދަގޫތަކާ ދިމާވެ އެވެ.