ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓްގެ ބިން ހިއްކަން ފަށައިފި

Apr 16, 2019
5

އުތުރުގެ ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓް ހަދަން ބޭނުންވާ ބިން އެމްޓީސީސީން ހިއްކަން ފަށައިފި އެވެ.

އެ މަސައްކަތް އެމްޓީސީސީން ހޯރަފުށީގައި ފެށީ މިއަދު މެންދުރު އެވެ. ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ މަހާޖައްރާފުންނެވެ. އެއިން ބިން ހިއްކުމުގެ މަސައްކަތް ނިންމާނީ ދެމަސް ދުވަހުންނެވެ. މަހާ ޖައްރާފު ހޯރަފުށްޓަށް ދިޔައީ ވެސް މިއަދު އެވެ. ހޯރަފުށީން މިއަދު ވަނީ މަހާޖައްރާފުގެ ފަޅުވެރިންނަށް މާފަތި ނެށުމާއެކު ފަރިވަޅެއް ދީފަ އެވެ.

ގާތްގަނޑަކަށް 3،400 މީހުންގެ އާބާދީއެއް އޮތް ހޯރަފުށީގެ އެއާޕޯޓުގެ މަސައްކަތް މިމަހު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހެވެ.

މި އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަމަހުގެ 25 ގައެވެ. މި މަސައްކަތް 16 މަސް ދުވަހުން ނިންމަންޖެހެ އެވެ.

ހޯރަފުށީގައި އެއާޕޯޓެއްް އެޅުމުގެ ކުރިން އެއާޕޯޓެއް ތަރައްގީ ކުރަން ނިންމީ އެ ރަށާ ކައިރީ އޮންނަ މާފިނޮޅުގަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ފަހު މާފިނޮޅުގެ ފެހިކަން ހަލާކު ނުުކުރުމަށް އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރީ އެވެ.