ހޯރަފުށީ އެއާޕޯޓް

ގިރާ މައްސަލަ ބޮޑުވެ އެއާޕޯޓާއި ހޯރަފުށި ވަކިކޮށްލަނީ

Apr 8, 2022
9

ހޯރަފުށި ފަޅުތެރޭގައި ހިއްކައިގެން ހަދާފައިވާ އެއާޕޯޓާއި ހޯރަފުށި ގުޅާލުމަށް ހަދާފައިވާ މަގު ވަކިކޮށްލަން ނިންމައިފި އެވެ.

އެއާޕޯޓް ހެދުމަށް ހިއްކި ބިމާއި ހޯރަފުށި ގުޅާލުމަށް ހަދާފައިވާ މަގު ވަކިކޮށްލަން ނިންމީ އެ މަގުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ ބޮޑުވެ އެއާޕޯޓްގެ ރަންވޭ އަށް ލިބޭ ގެއްލުންތައް ވެސް ބޮޑުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށެވެ.

ތާރުއަޅައިގެން ހަދާފައިވާ މަގު ނެގުމަށްފަހު އެއާޕޯޓްގެ ބިމާއި ހޯރަފުށި ގުޅާލަން ނިންމާފައިވަނީ ފެން ދައުރުވާ ގޮތަށް ހަދާ ކޯޒްވޭ އަކުންނެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެކުންފުނިން މިހާރު ގެންދަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކޯޒްވޭގެ ޑިޒައިން ހެދުމުގެ މަސައްކަތް ކުރުމަށެވެ.

ޑިޒައިންގެ މަސައްކަތް މަސް ދުވަސް ތެރޭގައި ނިންމުމަށްފަހު ކޯޒްވޭގެ އަމަލީ މަސައްކަތް ޖޫން މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ.
އާޒިމް ވިދާޅުވި ގޮތުގައި އޭގެ އަމަލީ ޖޫން ހިސާބުގައި ފެށޭނެ އެވެ.

ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ހޯރަފުށި އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ ނޮވެމްބަރު 19، 2020ގައެވެ. އެކަމަކު މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އުތުރުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ އެއާޕޯޓުގެ ބޭނުމަށް ހިއްކި ބިމުން ބައެއް ގިރާލައި ރަންވޭ އަށް ވެލި އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެއާޕޯޓަށް ރާޅު އަރައި އެއާޕޯޓް ދޮވެލިއިރު އެތަނުގެ އިންޝުއަރެންސްގެ މުއްދަތު ވެސް އޮތީ ހަމަވެފަ އެވެ. އެއާޕޯޓް ހުޅުވިތާ އެހާ ކުރުު މުއްދަތެއްގައި އެއާޕޯޓަށް އޭރު ބޮޑު ގެއްލުމެއް ލިބުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް އެދުވަސްވަރު އަމާޒުވި އެވެ.

ހޯރަފުށި އެއާޕޯޓަށް އަރައި ދޮވެލުމާ ގުޅިގެން ލިބުނު ގެއްލުންތަކަށް ފަހު ހޯރަފުށި އެއާޕޯޓްގެ ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމުކުރަން އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 90.5 މިލިއަން ރުފިޔާ އަށެވެ.

ހޯރަފުށި އެއާޕޯޓްގެ އީއައިއޭ ހަދާފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ އަދި އެ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމްގެ ކުންފުނިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. މާފިނޮޅުގައި އަޅަން އޮތް އެއާޕޯޓް ހޯރަފުށްޓައް ބަދަލުކުރީ މި ސަރުކާރުންނެވެ. މިއީ މިސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ.