ހއ. ހޯރަފުށި

އެމްޓީސީސީން ހޯރަފުށީގައި ޕްރީ ސްކޫލެއް ހަދަނީ

Mar 31, 2022
1

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ އަޅައިފި އެވެ.

ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހޯރަފުށި ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ބައެއް އާންމުން ވެސް ބައިވެރިވި އެވެ. ހޯރަފުށީގައި އަޅާ ޕްރީ ސްކޫލަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫއުގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމާ، ހިދުމަތަށް ބޭނުންވެފައި ތިބި ކުޑަކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރހަމަކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

"ރާއްޖޭގެ މުސްތަގުބަލް ކަމުގައިވާ ޅަ ދަރިންގެ އިލްމާއި ހިލްމު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އަޅުގަނޑުމެންގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. އަދި މިމަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކާ ގާތުން އަޅުގަނޑުމެން މަސައްކަތް ކުރަމެވެ." އެމްޓީސީސީން ބުނެފައިވެ އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ހޯރަފުށީގައި ވަނީ ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއް ފަށާފަ އެވެ. އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހޯރަފުށި އެއާޕޯޓް ނިންމާ ހިދުމަތް ދޭން ފަށާފައިވާއިރު އެމްޓީސީސީން ގެންދަނީ ހޯރަފުށި މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހޯރަފުށި ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއްވެސް އެމްޓީސީސީން ވަނީ ހަދައިދީފަ އެވެ.