އެމްޓީސީސީ

ހޯރަފުށި އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަށް ކުރަން އެމްޓީސީސީއަަށް

ހއ. ހޯރަފުށި އެއާޕޯޓްގެ ރަންވޭގެ ހުނޅަގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް ހަވާލުކޮށްފި އެވެ.

އެ މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެއް ބަސްވުމުގައި ސޮއިކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤް އެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއާޕޯޓްގެ ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެ އެވެ. މަސައްކަތް 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާރު، މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ.

މޭ މަހު ކުރި ވިއްސާރައިގައި، ބޮޑެތި ގެއްލުން ލިބުނު އުތުރުގެ އެއާޕޯޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރީ އެ އެއާޕޯޓްގެ މަސައްކަތް ވެސް ކުރި ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓް މަރާމާތު ކުރަން ލަފާކުރި ވަރަށް ވުރެ ކުރަން ޖެހުނު ހަރަދު ކުޑަ އެވެ. މަރާމާތަށް ހަރަދުވީ 300،000 ރ. އެވެ

މަރާމާތުގެ މަސައްކަތް ނިންމާލުމަށްފަހު، ޖޫން މަހު 25 ގައި ވަނީ ހޯރަފުށީ އެއާޕޯޓްގެ އުދުހުންތައް އަލުން ފަށާފަ އެވެ.