ހއ. ހޯރަފުށި އެއާޕޯޓުގެ ޖެޓީ ހަދަށް މިހާރު ކުރިއަށްދަނީ އެންވަޔަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގެ މަސައްކަތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްތަރު ނަހުލާ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
ޝިފާއު ވިދާޅުވީ ހޯރަފުށި އެއާޕޯޓަށް އެއް އަހަރު ފުރިގެން ގޮސްފައިވާއިރު ވެސް އެތަނުގައި ޖެޓީއެއް ނެތުމުން ރައްޔިތުން ވަރަށް ގިނައިން ޝަކުވާ ކުރާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގެ ތަފްސީލެއް ދެއްވުމަށް ވިދާޅުވި އެވެ.
ޖަވާބުގައި މިނިސްޓަރު ނަހުލާ ވަނީ އެ މަޝްރޫ ރައީސް އޮފީހުން ޕްލޭނިންނަށް ހަވާލުކުރުމުން ފަށައިގެން ޓްރާންސްޕޯޓުން އެ މަސައްކަތް އެމްޓީސީސީއަށް ދިނުމާއި ހަމައަށް ތަފްސީލުތައް ވިދާޅުވެފަ އެވެ.
އެމްޓީސީސީއަށް މި މަޝްރޫ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގަ އެވެ. އެއީ 150 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ އަޕްޑޭޓްސް ބަރާބަރަށް ހޯދަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އެމްޓީސީސީން ބުނެފައިވަނީ ޖެޓީ އެޅުމަށް އީއައިއޭގެ މަސައްކަތް މިމަހުގެ ތެރޭގައި ކުރަމުންދާ ކަމަށެވެ.
ހޯރަފުށި އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީން ނެވެ. އަދި މި އަހަރުގެ މޭމަހުގައި ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް މަރާމާތު ކުރީ ވެސް އެމްޓީސީސީން ނެވެ. މިހާރު އެ ކުންފުނިން ދަނީ ޖެޓީ ހެދުމުގެ އިތުރުން އެއާޕޯޓްގެ ރަންވޭގެ ހުނޅަގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީން ދަނީ ކުރަމުން ނެވެ.