ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓްގެ ދަތުރުތައް އަލުން ފަށައިފި

މިދިއަ މޭ މަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި، އުދަ އަރާ ބޮޑެތި ގެއްލުންތައް ލިބުމުގެ ސަބަބުން ދަތުރުތައް މެދުކަނޑާލައި މަރާމާތަށް ބަންދު ކުރި ހއ. ހޯރަފުށީ އެއާޕޯޓް އޮޕަރޭޝަނަށް ގެނެސް އަލުން އުދުހުންތައް ފަށައިފި އެވެ.

އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެއާޕޯޓްގެ ދަތުރުތައް މެދުކެނޑިފައި އޮތުމަށް ފަހު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އުދުހުންތައް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް އެރި އުދަ އާއި ބޯ ވާރޭގައި ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެންލުންތައް މަރާމާތުކޮށް މިހާރު ވަނީ ނިންމާފަ އެވެ.

މޭ މަހު ކުރި ވިއްސާރައިގައި، ބޮޑެތި ގެއްލުން ލިބުނު އުތުރުގެ އެ އެއާޕޯޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރީ އެ އެއާޕޯޓްގެ މަސައްކަތް ވެސް ކުރި ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓް މަރާމާތު ކުރަން ލަފާކުރި ވަރަށް ވުރެ ކުރަން ޖެހުނު ހަރަދު ކުޑަ އެވެ. މަރާމާތަށް ހަރަދުވީ 300،000 ރ. އެވެ.

ކައުންސިލްގެ ރައީސް، ވަހީދު ވިދާޅުވީ މަރާމާތުގެ މަސައްކަޔް ނިންމި އިރު އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މިހާރު އެމްޓީސީސީއާ ހަވާލު ކޮށްފައި ކަމަށާއި މަސައްކަތް އަދި ނުފަށާ ކަމަށެވެ.

މިދިއަ ގަދައިގައި ހޯރަފުށި އެއާޕޯޓަށް ރާޅާއި އުދައިގެ އިތުރުން ބޯ ވާރެއާއެކު ރަންވޭގައި އެއްކޮށް ފެން ބޮޑުވި އެވެ.

އަދި ވައިގަދަވުމުގެ ސަބަބުން ޕެސެންޖާ ޓާމިނަލްގެ ބައެއް ވެސް ވެއްޓުނެވެ. އެ އެއާޕޯޓަށް ގެއްލުންތައްވެ އޮޕަރޭޝަން ހުއްޓާލަން ޖެހުނު އިރު އެއާޕޯޓް އޮތީ އިންޝުއަރެންސް ނުކޮށެވެ. އަދި އެއާޕޯޓް ހެދުމުގައި ގޯސްތަކެއް ހަދާފައިވާކަން ވެސް އޭރު ވަނީ ހާމަވެފަ އެވެ.