ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓްގެ އިތުރު މަސައްކަތްތަކެއް އެމްޓީސީސީއަށް

ހޯރަފުށީ އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިން ގާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމަށްފަހު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ ކުރިއަށް އޮތް 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ. މި މަސައްކަތުގެ އަގަކީ 16،131،042.02 ރުފިޔާއެވެ.

ހޯރަފުށީ އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް އަކީ 100 މީހުންގެ ޖާގައިގެ ޓާމިނަލެކެވެ.

އެއާޕޯޓްގައި ތާރު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަސައްކަތް އޮކްޓޫބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއްވެސް ހަދާނެއެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާ އަށް އެމްޓިސީސީންނެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.