ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި އެވެ. މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހް މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައި ހޯރަފުށްޓައް ވަޑައިގެންނެވީ މެންދުރު އެކެއް ޖެހިއިރު އެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ފަށާފައިވަނީ ހަވީރު 4:15 ގައެވެ.

މި ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްވެސް ވަނީ ބައިވެރިވެފަ އެވެ. އަދި، ކޮންޓްރެކްޓަރު އެމްޓީސީސީގެ އިސްވެރިންނާއި ހޯރަފުށީ މެމްބަރު އަހްމަދު ސަލީމް ބައިވެރިވެ އެވެ.

އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯރަފުށީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މި ހަފްތާ ހޯމައިގަ އެވެ.

މިއަދު ހުޅުވި އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.