އައިޝަތު ނަހުލާ

"ހުޅުވުމާއެކު ހޯރަފުއްޓަށް ކޮމާޝަލް ދަތުރުތައް ފަށާނެ"

ހއ. ހޯރަފުށީގައި އަޅާ އެއާޕޯޓް ހުޅުވޭތާ ހަފްތާއެއްގެ ތެރޭގައި ކޮމާޝަލް ދަތުރުތައް ފެށޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ސަރުކާރުގައި ފެށި ހޯރަފުށީ އެއާޕޯޓްގެ މަަސައްކަތް މުޅީންހެން ވަނީ ނިމިފައެވެ. އެ އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓް ޖައްސާނެ އެވެ. އަދި މި ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ ނޮވެންބަރު 17 ވަނަ ދުވަހު ރަސްމީކޮށް އެއާޕޯޓް ހުޅުވާނެ އެވެ.

ހޯރަފުއްޓަށް ނިސްބަތްވާ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހޯރަފުށީ އެއާޕޯޓް އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވޭނެ ކަމަށެވެ. އަދި އެ އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް އޭގެ އެއް ހަފްތާ ފަހުން ފެށޭނެ ކަމަށެވެ. ނަމަވެސް ހަފްތާއަކު ކުރާނީ ކިތަށް ދަތުރު ކަމެއް އަދި ޓިކެޓްގެ އަގާ ގުޅޭ ގޮތުން އެކަމަނާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގަކާއެކުގައެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ވެސް ވަނީ ޖަހާފައެވެ. އެއާޕޯޓްގެ މަސައްކަތްތައް ކޮށްފައިވަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީިސީ އިންނެވެ.