ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޯރަފުއްޓަށް ވަޑައިގެންފި އެވެ.
މޯލްޑިވިއަންގެ ފްލައިޓު ހޯރަފުށްޓައް ޖެއްސީ 1 ޖެހި އިރު އެވެ. މި ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްވެސް ވަނީ ބައިވެރިވެފަ އެވެ. އަދި، ކޮންޓްރެކްޓަރު އެމްޓީސީސީގެ އިސްވެރިންނާއި ހޯރަފުށީ މެމްބަރު އަހްމަދު ސަލީމް ބައިވެރިވެ އެވެ. އެއާޕޯޓު ރަސްމީ ކޮށް ހުޅުވުން އޮތީ މެންފުރު ފަހު އެވެ. އެއާޕޯޓުން ވަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މަރުހަބާ ކިޔާފަ އެވެ.
ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ހަފްލާގެ އުފަލުގައި އެ ރަށު ރައްޔިތުން ބަނދަރު ސަރަހައްދުގައި ވަނީ ސަގާފީ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފަ އެވެ. މިއީ ކޮވިޑް އަށް ފަހު ނުވަ މަސް ފަހުން ރާއްޖޭގެ ރަށަކަށް ރައީސް ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ. ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފަ އެވެ.
ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މި ހަފްތާ ހޯމައިގަ އެވެ.
މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުއާ މި ސަރުކާރުން ހަވާލުވެ މަސައްކަތުގައި އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީކޮށްފައި ވެއެވެ. އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.