ހަބަރު

ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް މިއަދު ޖައްސާ އުދުހުންތަކަށް ތައްޔާރު ވެއްޖެ އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީ ކޮށްގެން ހެދި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިއަދު ހެނދުނު އެވެ. އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ބޭއްވި ރަސްމިއްޔާތަށް، ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާޒިމް އަދި އެމްޓީސީސީގެ އިސްފަރާތްތަކާއި ހޯރަފުށީގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވާނީ މާދަމާ އޮންނަ ހާއްސަ ހަފްލާއެއްގަ އެވެ. އެއާޕޯޓު ހުޅުއްވައިދެއްވާނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތަށް 198 މިލިއަން ހަރަދު ކޮށްފައިވާއިރު އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެމްޓީސީސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ހޯރަފުށީ އެއާޕޯޓު ނިންމިއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އޮންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.