ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައިިރިން އެމްޓީސީސީގެ މަހާޖައްރާފުން ވެލި ނަގަމުންދާތީ އެ ރަަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަހާޖައްރާފުން މިއަދު ފުރަތަމަ ވެލިނަގަން ފެށީ ހުކުރު ވަގުތާއި ދިމާކޮށެވެ. އަދި މެންދުރު ފަހުން ފެށިގެންވެސް ދަނީ ވެލި ނަގަމުންނެވެ.
ތަކަންދޫއިން ވާހަކަ ދެއްކި ބަައެއް މީހުން ބުނީ ރަށާއި އެހާ ކައިރިން ގިނަ އަދަދަކަށް ވެލި ނެގުމުގެ ސަބަބުން ތިމާވެށީގެ ގޮތުން އެ ރަށަށް ވަރަށް ބޮޑަށް ގެއްލުން ވަމުންދާ ކަމަަށެވެ.
މީގެ ކުރީން ތިލަދުންމަތީ އިތުރުބުރީ ހޯރަފުށީ އެއާޕޯޓް ހެދުމަށްވެސް ތަކަންދޫ ކައިރިން ވެލި ނެގުމުން ރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދު ފުސްވުމާއި ތަކަންދޫ ކައިރިގައިވާ ހާއްސަ ޑައިވިން ޕޮއިންޓަށްވެސް ގެއްލުން ވެފައިވެއެވެ. އަދި ރަށް ގިރުމުގެ މައްސަލަ ދިމާވެ ރަށުން ބައެއް ގިރައިގެން ގޮސްފައިވެއެވެ.
މަހާޖައްރާފުން މިހާރު ވެލި ނަގަމުންދަނީ އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް ކަމަށް އެނގިފައިވެއެވެ. މިކަމާއި ގުޅޭގޮތުން އެމްޓީސީސީގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.