އީޕީއޭ

ދިއްދޫ ފަރަށް އެރި އުޅަނދުތަކުގެ ޖޫރީމަނާ ނުދެއްކި

ހއ. ދިއްދޫ ފަރަށް އެރި ބާޖާއި ޓަގް ބޯޓްގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބިފައިވާތީ ކުރި ޖޫރިމަނާ ދައްކަން ދިން މުއްދަތު ހަމަވިއިރު ފައިސާ ނުދައްކާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި

މުތާ ޕްރައިޑްގެ ނަމުން ނަންދީފައވާ ބާޖާއި މުތާ ޕްރިންސަސްގެ ނަމުން ނަން ދީފައިވާ ޓަގް ބޯޓު ދިއްދޫ ފަރަށް އެރީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ. މި ދެ އުޅަނދު ފުންކުރެވުނީ މެއި ހަތަރުވަނަ ދުވަހުގެ މެންދަމުގެ ވަގުތުގައެވެ.

ބާޖާއި ޓަގް ބޯޓު ދިއްދޫ ފަރަށް އެރުމާ ގުޅިގެން 100 މިލިއަން ރުފިޔާ އިން ޖޫރީމަނާ ކުރީ މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.

އީޕީއޭ އިން ބުނީ މި ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ މެއި 12 ވަނަ ދުވަހު އެ އެޖެންސީގެ ޓީމެއް އެ ސަރަހައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ސާވޭ ކުރި ކަމަށެވެ.

ދިއްދޫ ފަރަށް އެރި ދެ އުޅަނދުގެ ވެރިފަރާތަކީ ވެސް ބޭރުގެ ކުންފުންޏެއް ކަމުގައިވާ އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް އެވެ.

ސާވޭއާ ހަވާލާދީ އީޕީއޭ އިން ބުނީ ދިއްދޫ ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކަމާ ގުޅޭ ގަވައިދުގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 101,743,400 ރުފިޔާ ކަމަށެ އެވެ. ނަމަވެސް ކަމާ ގުޅޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށްވާތީ އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް އެ އަދަދުން ޖޫރިމަނާކުރީ އެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ދިން މުއްދަތު ހަމަވީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދާނެ ކަމަށްވެސް އީޕީއޭ އިން ކުރިން ބުނެފައިވެ އެވެ.