އީޕީއޭ

ކ. ވާވެއްދި ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ވާވެއްދި ފަރަށް އެރި ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނި ގޮތުގައި މިދިޔަ އަހަރު ފަރަށް އެރި ދެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ އީޕީއޭއަށް ދެއްކުމަށް އެންގީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެއުޅަނދުތައް ފުންކޮށް ނިމުމުން އެސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އީޕީއޭއިން ވަނީ ސާވޭއެއްކޮށްފަ އެވެ. އީޕީއޭއިން ބުނި ގޮތުގައި އުޅަނދުތަކުގެ ވެރިފަރާތުންވެސް ވަނީ އެ ސަރަހައްދުގެ ސާވޭކޮށްފަ އެވެ.

މި ސާވޭތަކުގައި ބެލި ބެލުމުން އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އެސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށް ފަހު ކަނޑައެޅި ޖޫރިމަނާގެ ޖުމްލަ އަދަދަކީ 148،381،500 ރުފިޔާ އެވެ. ނަމަވެސް ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާކަމަށްވާތީ ޖޫރިމަނާގެ އަދަދު 100 ރުފިޔާއަށް ބަދަލުކުރީ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އުޅަނދުތައް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާއެކު ފެށުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.