އީޕީއޭ

ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި 263 މިލިއަން ރުފިޔާ ނުލިބި އެބައޮތް

ތިމާވެށްޓާ ގުޅޭ ގާނޫނާ ހިލާފުވުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 263 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކޮށްފި އެވެ.

އީޕީއޭ އިން ވަނީ ތިމާވެށްޓާ ގުޅޭ 13 މައްސަލަ މިދިޔަ މަހުގެ ނިޔަލަށް ބަލައި 19 ފަރާތެއް ޖޫރިމަނާކޮށްފަ އެވެ. މީގެތެރެއިން ގިނަ ފަރާތްތަކަކަށް ޖޫރިމަނާ ދައްކަންޖެހޭ ގޮތަށް ފިޔަވަޅު އަޅާފައިވަނީ އުޅަނދު ފަރަށް އެރުމުގެ މައްސަލަތަކުގައެވެ. މިފަދަ މައްސަލަތަކުގައި ޖުމްލަ 234.5 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން އަންގާފައިވެ އެވެ.

ޖޫރިމަނާ ދައްކަންޖެހިފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ގޮތާ ހިލާފަށް ކުރުމާއި، ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގޯނާކުރުމާއި، ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް ރަށްރަށުގެ ގޮނޑުދޮށުން ވެލި ނެގުމާއި އަދި ގަވާއިދާ ހިލާފަށް ކުނި މެނޭޖުކުރުމެވެ.


އީޕީއޭގެ ތަފާސްހިސާބަށް ބަލާއިރު ޖޫރިމަނާ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން 11 ފަރާތަކުން ފައިސާ ދެއްކިއިރު އަށް ފަރާތަކުން ފައިސާ ނުދައްކަ އެެވެ.

އީޕީއޭ އިން ޖޫރިމަނާ ދެއްކުމަށް މިއަހަރު އެންގި ފަރާތްތަކުގެ އަތުން ޖުމްލަ 892.4 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ. އެކަމަކު މިހާތަނަށް ލިބިފައިވަނީ 629.2 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ދައުލަތަށް ނުލިބިވާ
263.2 މިލިއަން ރުފިޔާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ޖޫރިމަނާ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް އީޕީއޭ އަށް އެންމެ ބޮޑަށް ދަތިވާ ސަބަބުތަކަކީ ޖޫރިމަނާ ދައްކަންޖެހޭ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުލިބުމާއި ޝަރީއަތުގެ މަރުހަލާ އިން ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވުމެވެ.