އުތުރުގެ ރަށްތަކުގައި އުފެދޭ ކުނި ނައްތާލުމަށް ހަދާ މައި މަރުކަޒު -- ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހދ. ކުނބުރުދޫގައި އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައު ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަ މުހައްމަދު އަންސަރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
ކުނބުރުދޫގައި ހަދާ ސްޓޭޝަނަށް ހއ. އާއި ހދ އަދި ށ. އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ޖަމާކޮށް އެ ތަނުގައި ނައްތާލާނެ އެވެ.
ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ އިތުރުން އެތަނުގައި ފެން ހިންދާ ނިޒާމަކާއި އެ ރަށަށް ފަސޭހައިން އަރައިފޭބޭނެ ނިޒާމެއް ވެސް އެމްޓީސީސީން ގާއިމްކުރާނެ އެވެ.
އެމްޓީސީސީން ބުނީ މަސައްކަތް ފެށުމުގެ ކުރިން އެ މަޝްރޫއާ ގުޅިގެން ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް ބެލުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތްތައް 140 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަސައްކަތުގެ އަގަކީ 7.6 މިލިއަން ރުފިޔާ އެވެ.