ހއ. ހޯރަފުށި އެއާޕޯޓް ހަދާފައި ވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދީފައިވާ އީއައިއޭ ރިޕޯޓާ އެއްގޮތަށްތޯ ބަލަމުން ގެންދާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވީ މޫސުން ގޯސްވެ ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުންތަކާއެކު އެ އެއާޕޯޓް ހަދާފައި ވަނީ އީއައިއޭ ރިޕޯޓާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަދި މިއުޅެނީ ކަމާ ގުޅޭ އިދާރާތަކަށް ސިޓީ ފޮނުވައިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި،" އީޕީއޭގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވައި ދެއްވި އެވެ.
ނައީމް ވިދާޅުވީ ކޮވިޑްގެ އުނދަގޫ ދުވަސްވަރު ކަމަށްވާތީ އީޕީއޭގެ މަސައްކަތް ނިންމާލެވޭނެ ވަކި ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހޯރަފުށި އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުނީ ރަށުގެ ފަޅު ތެރޭގައި ވަކިން ތަނެއް ހިއްކާ އެއާޕޯޓް ހެދިއިރު އެތަނުގެ ރައްކަލަކަށްޓަކައި ބޮޑުހިލަޖަހައި ބޭރުތޮށިލުން ކަހަލަ ކަމެއް ކޮށްފައި ނެތުމުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ހޯރަފުށި އެއާޕޯޓަށް ގެއްލުން ލިބުނީ އެއާޕޯޓްގެ ބޭނުމަށް ހިއްކި ސަރަހައްދު ބޭރު ތޮށިލައި ބޮޑުހިލަ ޖަަހަން ނިންމާ އެމަސައްކަތް ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.
ހޯރަފުށި އެއާޕޯޓަށް ރާޅު އަރައި އެއާޕޯޓް ދޮވެލިއިރު އެތަނުގެ އިންޝުއަރެންސްގެ މުއްދަތު ވެސް އޮތީ ހަމަވެފަ އެވެ. އެހެންވެ އެތަން އަލުން މަރާމާތު ކޮށްގެން އޮޕަރޭޝަނަށް ގެންނަން ބޮޑު ހަރަދެއް ހިނގާނެ އެވެ.
ހޯރަފުށި އެއާޕޯޓްގެ އީއައިއޭ ހަދާފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ އަދި އެ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމްގެ ކުންފުނިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. މާފިނޮޅުގައި އަޅަން އޮތް އެއާޕޯޓް ހޯރަފުށްޓައް ބަދަލުކުރީ މި ސަރުކާރުންނެވެ.
ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯރަފުށި އެއާޕޯޓް ނިންމާ ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ މިސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ. މިހާ ކުރުު މުއްދަތެއްގައި އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ އެ މައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.