ހޯރަފުށީ އެއާޕޯޓް

މޫސުން ގޯސްވެ ހޯރަފުށި އެއާޕޯޓްގެ ދަތުރުތައް ކެންސަލް

މޫސުން ގޯސްވުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް މިއަދު ދަތުރުކުރަން ހުރި ފްލައިޓްތަކުގެ ދަތުރުތައް ކެންސަލް ކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އަވަސް އަށް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިން ހޯރަފުށި އެއާޕޯޓަށް ދިމާވި ކަހަލަ މައްސަލައެއް މިއަދު ދިމާ ނުވާ ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު ވައިގަދަވުމުގެ ސަބަބުން ރަންވޭއަށް ކުޑަކޮށް ވެލި އެރި ކަމަށާއި މިހާރު އެތަން ވަނީ ސާފުކޮށްފައި ކަމަށެވެ.

ހޯރަފުށި އެއާޕޯޓްގެ މިއަދުގެ ހުރިހާ ދަތުރެއް ކެންސަލް ކޮށްފައި ވަނީ މިއަދު މޫސުން އޮތް ގޮތުން ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ. އަދި މިއަދުގެ ދަތުރުތައް މާދަމާއަށް ރީޝެޑިއުލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ މޭ މަހު ކުރި ވިއްސާރައިގައި، ބޮޑެތި ގެއްލުންތަކެއް ލިބުމުން ހޯރަފުށި އެއާޕޯޓްގެ ދަތުރުތައް ހަފްތާ އަކަށް ވުރެ ގިނަ ދުވަހަށް މެދުކަނޑާލި އެވެ. އަލުން ދަތުރުތައް ފަށާފައި ވަނީ މިދިޔަ މަހު 15 ގައެވެ.

ހޯރަފުށި އެއާޕޯޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރީ އެ އެއާޕޯޓް ހެދުމުގެ މަސައްކަތް ވެސް ކުރި އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓް މަރާމާތު ކުރަން ލަފާކުރި ވަރަށް ވުރެ ކުރަން ޖެހުނު ހަރަދު ކުޑަ އެވެ. މަރާމާތަށް ހަރަދުވީ 300،000 ރުފިޔާ އެވެ.