ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓް ދޮވެލިއިރު އިންޝުއަރެންސް ހަމަވެފައި!

May 15, 2021
2

ދެދުވަސް މަތީން ވަރުގަދައަށް ރާޅާއި އުދައަރައި ހޯރަފުށި އެއާޕޯޓަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު އިރު އެ އެއާޕޯޓްގެ އިންޝުއަރެންސް މުއްދަތު އޮތީ ހަމަވެފަ އެވެ. އެކަން ކަށަވަރުކޮށް ދިނުމާއެކު އެތެރޭގެ އެ އެއާޕޯޓްގެ ބެލެނިވެރިޔާ، ރީޖަނަލް އެއާޕޯޓްސް އިން ބުނީ ހޯރަފުށީ އެއާޕޯޓް ދެން ހުޅުވައި އޮޕަރޭޝަނަށް ގެނެވޭނީ ލިބުނު ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ.

ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގަން ސަރުކާރުން އުފެއްދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒުވީ އަވަސް އަށް ދެއްވި ކުރު އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށް "ބެލެވޭ" ކަމަށެވެ. ރިޒްވީ އެހެން ވިދާޅުވި އިރު އުދަ އަރައި އެއާޕޯޓް ދޮވެލާ ތަނާއި ލިބުނު ބޮޑެތި ގެލުންތައް ފެންނަ ފަނަ ވިޑިއޯތަކާއި ފޮޓޯތައް ގިނަ އަދަދަކަށް ދައުރުވަމުން ދެއެވެ.

ޖެނުއަރީ 6، 2021 ގައި ރީޖަނަލް އެއާޕޯޓްސްގެ އިސް މަގާމާ ހަވާލުވެ ވަޑައިގެންނެވި ރިޒްވީ ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް އެނގޭވަރު ވާނީ ސާވޭއެއް ހަދައިގެން ކަމަށެވެ.

"ރާޅު އަރައިގެން ގޮސް ރަންވޭ ހުރަސް ކޮށްފައި އެބަހުރި. އެހެންވެ ފަހަރުގައި ރަންވޭ ދަށުން ފަސްގަނޑު ދަމައިގަނެގެން ދިއުން ފަދަ ކަމެއް ވެފައި ވެސް ހުރެދާނެ. އެ ހުރިހާ ކަމެއް ޔަގީން ވާނީ ސާވޭއަކަށް ފަހު،" އޭނާ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވި ގޮތުން އެ ސާވޭ ހަދާނީ ވެސް އެއާޕޯޓްގެ މަސައްކަތް ވެސް ކުރި އެމްޓީސީސީއާ ގުޅިގެންނެވެ. އަދި ގެއްލުން ބަލާ ހަދާ ސާވޭ ހަދަން ތިން ދުވަސް ވާނެ އެވެ.

ހޯރަފުށީ އެއާޕޯޓަކީ ދުވާލަކު އެއް ފްލައިޓް އޮޕަރޭޓް ކުރާ އަދި ރާއްޖޭގައި އެންމެ ފަހުން ހަދައި އޮޕަރޭޝަނަށް ގެނައި އެއާޕޯޓެވެ. އެތަން ހިންގާ ކުންފުނީގެ ވެރިޔާ، ރިޒުވީ ވިދާޅުވީ އެއާޕޯޓު އެ ކުންފުންޏާ ހަވާލު ކުރިއިރު ވެސް އިންޝުއަރެންސް ހަމަވެފައިވާ ކަމަށެވެ.

"މަޖުބޫރު ކަމެއް އިންޝުއަރެެންސް ކުރުމަކީ. އެކަމަކު އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތީ ހަމަވެފައި. އިންޝުއަރެންސް ރިނިއު ނުކޮށް އޮތީ،" ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ ކުންފުނީގެ އެމްޑީ ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ހަތަރު މަސް ދުވަސް ފުރިހަމަވެފައި ވެއެވެ. އޭނާ އޭގެ ކުރިން ހުންނެވީ އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމުގަ އެވެ. އެ މަގާމުގައި އަމިއްލަފުޅު މުސާރަ ބޮޑު ކުރެއްވުމުން ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވީ ނޮވެމްބަރު 19، 2020 ގައެވެ. އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.

އެމްޓީސީސީއަށް ދީގެން ހެދި އެ އެއާޕޯޓަށް އިއްޔެ ބޮޑެތި ގެލުންވި އިރު އެއާޕޯޓް ނިންމައި ރަށް ވަށައިގެން އޮތީ ތޮށިނުލަ އެވެ. ރިޒްވީ ވިދާޅުވީ "ތޮށި ނުލާ އޮތުމުން ރާޅު އަރައިގެން މިވަރުގެ ގެއްލުމެއް [ހޯރަފުށީ] އެއާޕޯޓަށްވީ،" ކަމަށް ބެލެވޭ ކަމަށެވެ.

ރާޅާއި އުދަބާނީ އަރައި ހޯރަފުށީ އެއާޕޯޓް ދޮވެލިއިރު، މި ވިއްސާރާގައި އެ އެއާޕޯޓުގެ ޓާމިނަލްގެ ބިއްލޫރި ބިއްގަނޑެއް ވެސް ވެއްޓިފައިވެ އެވެ. ރިޒްވީ ވިދާޅުވީ ޕެސެންޖަރު ޓާމިނަލް އިން ބައެއް ވެއްޓިފައި ވަނީ ޑިޒައިން ފޯލްޓެއްގެ ސަބަބުން ކަމަށެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި އެއާޕޯޓް ތަރައްގީ ކުރަން ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ހޯރަފުށީގައި އެއާޕޯޓެއް އަޅަން ފުރަތަމަ ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެއާޕޯޓް އަޅަން އޭރު ނިންމާފައި އޮތީ އެރަށް ކައިރީ އޮންނަ ހއ. މާފިނޮޅުގަ އެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓް އެޅީ ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެންނެވެ. މި އެއާޕޯޓު އެމްޓީސީސީ އިން ނިންމާފައިވަނީ ނުވަ މަސް ދުވަހުންނެވެ.

ރީޖަނަލް އެއާޕޯޓްގެ ދަށުގައި ހަތް އެއާޕޯޓެއް އޮވެ އެވެ. އޭގެ ތެރެއިން ފުވައްމުލަކު އެއާޕޯޓް ހިމެނޭ ގޮތުން ގިނަ އެއާޕޯޓްތަކުގައި އެކްސްރޭ މެޝިނު ހަލާކުވެ އާންމު ޝަކުވާތައް ބޮޑުވެފައި ވެއެވެ. ރީޖަނަލް އެއާޕޯޓްސް ބޮޑެތި މުސާރަތަކުގައި ކޮންސަލްޓަންޓުންނާއި އެހެން މުވައްޒަފުން ނަގަމުން ދާތާ ދުވަސްތަކެއްވެފައި ވެއެވެ.