ދުނިޔެ

ގެއްލުނު މަތިންދާބޯޓުގެ ބައިތަކަކާއި ފަސިންޖަރުންގެ ހަށިތަކެއް ފެނިއްޖެ

އިންޑޮނީޝިއާގެ ސުރަބަޔާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަނިކޮށް މިދިޔަ އާދީއްތަ ދުވަހު ގެއްލުނު، އެއާއޭޝިއާގެ މަތިންދާބޯޓް، ފްލައިޓް ކިއުޒެޑް8501 ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އޭގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކަކާ އެކު ފަސިންޖަރުންގެ ހަށިތަކެއް ވެސް ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މަތިންދާބޯޓަށް ވީ ގޮތް ބެލުމަށް ހަރަކާތްތެރިވާ ޓީމުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައި ވަނީ އިންޑޮނީޝިއާގެ ޖާވާގެ ކަނޑުގެ ސަރަހައްދުން ކަމަށެވެ. އޮފިޝަލުން ވިދާޅުވަނީ މިއީ ގެއްލުނު އެއާއޭޝިއާގެ ފްލައިޓްގެ ބައިތަކެއް ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށެވެ.

ފެނުނު ހަށިތަކުގެ އަދަދު 40 އަށް އަރާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

މި ފްލައިޓް ގެއްލިފައި ވަނީ 162 މީހުންނާ އެކުގަ އެވެ. ބޯޓަށް ވީ ގޮތް ބެލުމަށް ހަރަކާތްތެރިވާ ޓީމުން ދަނީ 13 ސަރަހައްދެއް ކަނޑައަޅައި އެއްގަމާއި ވައިގެ މަގުން ބަލައި ފާސްކުރަމުންނެވެ.

އިންޑޮނީޝިއާ އިން މި ހަރަކާތުގައި އިސްކޮށް ހަރަކާތެރިވާއިރު މެލޭޝިއާ އާއި ސިންގަޕޫރާއި އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާ އާއި ތައިލެންޑާއި ޗައިނާ އާއި ފްރާންސްގެ އިތުރުން އެމެރިކާ އިން ވެސް ދަނީ މި ހަރަކާތަށް އެއްބާރުން ފޯރުކޮށް ދެމުންނެވެ.

ބޯޓްގައި ތިބި ފަސިންޖަރުންގެ ތެރޭގައި 17 ކުޑަކުދިން ވެސް ހިމެނެ އެވެ.