ދުނިޔެ

ސޫދާންގެ ހަމަނުޖެހުންތަކުގައި އިތުރު ބަޔަކު މަރުވެއްޖެ

ސުދާންގެ ވެރި ރަށް ޚަރްތޫމްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންގެ ހަތަރު މީހުނާއި ސިފައިންގެ އެކަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ހަމަނުޖެހުންތައް ހިނގާފައިވަނީ މުޒާހަރާގެ ލީޑަރުންނާއި ސުދާންގެ މިލިޓަރީ ކައުންސިލުން ގުޅިފައިވާ ސަރުކާރެއް ގާއިމްކުރަން އެއްބަސްވުމަކަށް ދެވި، އަދި ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ރައީސް އުމަރު އަލް-ބަޝީރުގެ މައްޗައް އޭނާގެ ވެރިކަން ވެއްޓުމަށް މެދުވެރިވި މުޒާހަރާތަކުގެ ތެރޭ ބަޔަކު މަރާލާފައިވާ ކަމަށް ބުނެ ދައުވާ އުފުލާފައިވާ ދަނޑިވަޅެއްގަ އެވެ.

ސުދާންގެ ރައްޔިތުން ބިންމަތީގައި އިށީނދެ ތިބެ ކުރަމުންދާ "ސިޓް އިން" މުޒާހަރާގައި ގޮވާލަމުން ދަނީ ކުރީގެ ވެރިކަން ވައްޓާލުމަށް ފަހު މިހާރު ބާރުގައި އޮތް މިލިޓަރީ ކައުންސިލުން އެ ގައުމުގައި މަދަނީ ވެރިކަމެއް ގާއިމްކުރަން ފުރުސަތު ދިނުމަށެވެ.

ސިފައިންގެ މީހަކާއި މުޒާހަރާގެ ތެރެއިން ތިން މީހަކު މަރުވެފައިވަނީ ޚަރްތޫމްގައި ހުންނަ ސިފައިންގެ މައި މަރުކަޒު ކައިރީ ހަފުތާތަކެއް ވަންދެން ސުލްހަވެރި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއަށް "ގޮތް ނޭނގޭ" ބަޔަކު ބަޑި ޖަހައިގެނެވެ. މަރުވި މީހުން އިތުރުން ސިފައިންގެ ތިން މީހަކާއި އާންމުންގެ ބަޔަކު ޒަހަމްވި އެވެ.

މުޒާހަރާއާއި ގުޅިފައިވާ ސިއްހީ ކޮމިޓީއަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މުޒާހަރާކުރަން ތިބި ރައްޔިތުންގެ ތެރެއިން އަދިވެސް އިތުރު ހަތަރު މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވެއެވެ. ނަމަވެސް އެ މީހުން މަރާލާފައިވަނީ މުޒާހަރާ ތެރެއިންކަމެއް އެފަރާތުން ސާފު ކޮށްދީފައެއް ނުވެއެވެ.

ސުލްހަވެރިކަމާއެކީ މުޒާހަރާކުރަން ތިބި ބައެއްގެ ގަޔަށް ދުވަހަކުވެސް ބަޑި ނުޖަހާނެ ކަމަށް ކައުންސިލުން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

މިލިޓަރީ އިންޓެލިޖަންސްގެ ވެރިޔާ ހުޒޭފާ އަބްދުލް މަލިކް ވިދާޅުވި ގޮތުގައި މި ހަމަލާއަކީ މުޒާހަރާކުރާ މީހުންގެ ތެރެއަށް ސުލްހަ ނަގާލަން މަސައްކަތްކުރާ ބަޔަކު ވަދެ ސިފައިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ.

"އަޅުގަނޑުމެނަށް އެނގޭ ސުލްހަ ނަގާލަން މަސައްކަތްކުރާ ބަޔަކު އެބަ އުޅޭކަން. އެ މީހުންގެ ރޭވުމަކީ ކޮބައިކަން އެމީހުން ސުލްހަ ނަގާލަން ކުރަނީ ކޮން ކަމެއްކަން. އަޅުގަނޑުމެން މިދަނީ މިލިޓަރީއަށް އަމާޒުކޮށް ހަމަލާ ދެމުންދާ މީހުން މޮނީޓަރު ކުރަމުން"، އޭނާ ވިދާޅުވި އެވެ.