ދުނިޔެ

ވޯލްޑް ބޭންކުން ސޫދާނަށް އެހީ ހުއްޓާލައިފި

ސޫދާންގައި އަސްކަރިއްޔާއިން ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށް މުޅި ގައުމުގައި ކުއްލި ނުރައްކާ އިއުލާން ކުރުމާ ގުޅިގެން ވޯލްޑް ބޭނުން އެހީ ހުއްޓާލައިފި އެވެ. ވޯލްޑް ބޭންކުން ބުނީ އަސްކަރިއްޔާގެ އަމަލަކީ ބަޣާވާތެއް ކަމަށެވެ.

ސޫދާނުގައި މިހާރު ވެރިކަން ކުރަނީ އަސްކަރީ ކައުންސިލަކުންނެވެ. ވެރިކަމުގައި ހުންނެވީ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާނެވެ.

ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން އަމުރަށް އަސްކަރިއްޔާއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ މަދަނީ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ތެރެއިން އަސްކަރީ އިންގިލާބަކަށް ތާއީދު ނުކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު އެވެ.

އަސްކަރިއްޔާއިން މިހާރު ވަނީ ބޮޑޮވަޒީރު ދޫކޮށްލާފަ އެވެ. ހައްޔަރުގައި ތިބި ވަޒީރުންގެ ތެރެއިން ވެސް އަރާރުމެއް ނެތް ބޭފުޅުން ދޫކޮށްލާނެ ކަމަށް އަސްކަރިއްޔާއިން އޮތީ ބުނެފަ އެވެ.

އެފްރިކަން ޔޫނިއަނުން ވެސް ސުދާން ވަނީ ބަންދު ކޮށްފަ އެވެ. އެމެރިކާއާ ޔޫރަޕުން ގޮވާލަނީ އަބްދުﷲ ހަމްދޫކްގެ ސަރުކާރަށް ބާރުތައް ދޫކޮށްލުމަށެވެ. އެހެން ނަމަވެސް އަސްކަރިއްޔާއިން ބުނަނީ ސަރުކާރު ހިފެހެއްޓީ މަދަނީ ހަނގުރާމައަކުން ގައުމު ސަލާމަތް ކުރަން ކަމަށެވެ. އެމެރިކާއިން ވަނީ ސުދާން ލިބެން ޖެހޭ 700 މިލިއަން ޑޮލަރު ހިފަހައްޓާފަ އެވެ.

ވޯލްޑް ބޭންކުން ސޫދާނަށް އެހީ މެދުކަނޑާލުމުން މިހާރު ވެސް ނިކަމެތިކަމުގައި އޮތް ސޫދާނަށް ބޮޑެތި ގެއްލުތައް ލިބޭނެ އެވެ. އަނެއްކޮޅުން އަބްދުﷲ ހަމްދޫކްގެ ވެރިކަން އިއާދަ ކުރުމަށް އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާނަށް ޕްރެޝަރު ބޮޑުވާނެ އެވެ.

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވި ގޮތުގައި ސޫދާނަށް މަދަނީ ސަރުކާރެއް އަންނަން ދެން އެހީތައް ހިފެހެއްޓޭނެ އެވެ. އަދި ސުދާނާ މެދު އަމަލު ކުރާނެ އެހެން ގޮތެއް މަޝްވަރާއިން ނިންމާނެ އެވެ.