ދުނިޔެ

ބުރްކީނަ ފާސޯގައި ބަޣާވަތެއް، ސަރުކާރު އުވާލައިފި

ބުރްކީނަ ފާސޯގައި އަސްކަރިއްޔާއިން ބަޣާވާތްކޮށް ރައީސް ކްރިސްޓިއަން ކަބޯރީ ހައްޔަރުކޮށްފި އެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ގައުމުގައި އޮތީ ބަޣާވާތުގެ ހާލަތެވެ. ގައުމާ ހަވާލުވެ އޮތް ސަރުކާރެއް މިވަގުތަކު ނެތެވެ. ގާނޫނުއަސާސީއަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލައި، ގާނޫނު ހަދާ މަޖިލީހާއި ރައީސް އޮފީހުގައި ތަޅުއަޅުވައި ވަނީ މަސައްކަތް ހުއްޓުވާފަ އެވެ.

ބުރްކީނަ ފާސޯގައި އިރުއޮއްސި ނުވަޔަކުން ފަތިހު ފަހަކަށް ކާފިއު ހިންގައި ގައުމު ބަލަހައްޓަން ސިފައިން ނެރޭ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ. މުޅި ގައުމުގައި މިހާރު އޮތީ ކަނޑި އާއި ބަޑީގެ ހަމަ އެވެ.

އަސްކަރީ ބަޔާންގައި ބުނާ ގޮތުން ގައުމުގައި ލޭއޮހޮރުވުމެއް ނެތެވެ. ރައީސާއި ސަރުކާގެ އިއްޒަތްތެރިން ގަދަރުވެރިކަމާއެކު ސަލާމަތުން ތިބި ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

ބުރްކީނަ ފާސޯ އޮންނަނީ އެފްރިކާ ބައްރުގަ އެވެ. އެފްރިކާގެ ހުޅަނގު ފަރާތުގައި - ނައިޖަރާ އިންވެގެންނެވެ. އާބާދީ އަކީ 20.32 މިލިއަނެވެ.

ބުރްކިނާ ފާސޯގައި އާންމުކޮށް ވާހަކަ ދައްކަނީ ފަރަންސޭސި ބަހުންނެވެ. ވެރިރަށަކީ ވާގާޑޫގޫ އެވެ. ރައީސްކަމުގައި ބަޣާވާތާ ޖެހެންދެން ހުންނެވީ ރޯކް މާކް ކްރިސްޓިއަން ކަބޯރީ އެވެ.

އަސްކަރިއްޔާއިން ބުނީ ބަޣާވާތް ކުރަން ޖެހުނީ ގައުމު އެއްބައި ކުރަން ސަރުކާރު ނުކުޅެދުމުން ކަމަށެވެ. އަދި ބުނީ އެންމެންނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވާނެ ކަމަށާއި ސުލްހަ ދަމަހައްޓާނެ ކަމަށެވެ. އިތުރު ތަފުސީލެއް ނެތެވެ.

ބުރްކީނާ ފާސޯގެ ހާލަތާ މެދު މަދު ގައުމަކުން ކަންބޮޑުވި ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ. އަދި ބުނީ މަސްލަހަތަށްޓަކއި މަޝްވަރާތައް ފެށުން މުހިންމު ކަމަށެވެ.

މަޝްރަހުގައި ބުނެވޭ ގޮތުން ބުރްކީނާ ފާސޯގައި ބަޣާވާތްކުރާ މީހުންނަށް ބޭރު ގައުމަކުން މަދަދުވެރިވެ އެވެ. އެއީ ފަހަރުގައި ފްރާންސް ކަމަށް ވެދާނެ ކަމަށް ވެސް ބުނެވެ އެވެ. އެހެން ނަމަވެސް މިއީ އަޑިއަޑިން ހިނގާ ކަމެކެވެ.