ފަރަންސޭސިވިލާތުގެ ސަފީރާއި ޑިޕްލޮމެޓިކް މުވައްޒަފުން އަދި އެ ގައުމުގެ އަސްކަރިއްޔާ ވެސް ނައިޖަރުން ބާލާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
މެކްރޮން އަދި ވިދާޅުވީ ކުރިއަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފަރަންސޭސި ސަފީރު އަނބުރާ ގައުމަށް ގެންދަވާނެ ކަމަށެވެ.
ފަރަންސޭސި އަސްކަރިއްޔާވެސް މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ނައިޖަރުން ބާލާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުން ނައިޖަރުން ބާލާނެ ކަމަށެވެ.
ނައިޖަރުގައި ކުރިން އޮތް ރައީސް މުހައްމަދު ބަޒޫމްގެ މަދަނީ ވެރިކަން ޖުލައި 26 ގައި ބަޣާވާތަކުން ވައްޓާލުމަށް ފަހު މިހާރު ވެރިކަން ހިންގަނީ "ނެޝަނަލް ކައުންސިލް ފޮ ދަ ސޭފްގާޑިން އޮފް ދަ ކަންޓްރީ"ގެ ނަމުން އުފައްދާފައި އޮތް ކައުންސިލަކުންނެވެ.
މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ބަލައިގެންފައި އޮތް ވެރިކަމެއް ނޫނެވެ.
މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކޮށް ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ ގުޅިގެން ނައިޖަރުގައި އުފައްދާފާއި އޮތް ސަރުކާރުގެ ވެރިއަކީ ޖެނެރަލް އަބްދުއްރަހްމާން ތަޝްޔާނީ އެވެ. އޭނާ ކުރިން ހުންނެވީ ރިޔާސީ ގާޑުންގެ ވެރިޔާގެ މަގާމުގަ އެވެ.
ނައިޖަރަށް ގެނައި ބަޣާވާތާ ގުޅިގެން ހުޅަނގު އެފްރިކާ ގައުމުތަކުގެ މެދުގައި އުފައްދާފައި އޮންނަ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވާސް)ގެ މެމްބަރު ގައުމުތަކުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ބަޒޫމްގެ ވެރިކަން އިއާދަނުކޮށްފިނަމަ ނައިޖަރަށް އަސްކަރީ ހަމާލާ ދޭނެ ކަމަށްވެސް އީކޯވާސް އިން އޮތީ ބުނެފަ އެވެ.
އީކޯވާސްގެ މި ބުނުމާ ގުޅިގެން ނައިޖަރުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު -- މަދަނީ އަދި އަސްކަރީ މަތިންދާބޯޓުތަކަށް ބަންދުކޮށްފަ އެވެ. ނަމަވެސް ދުވަސްތަކެއް ފަހުން ވައިގެ ސަރަހައްދު މަދަނީ އުޅަނދުފަހަރަށް ހުޅުވާޅި އެވެ.
ބާޣީ ޖެނެރަލުންގެ މައިގަނޑު ގޮވާލުމަކީ ފަރަންސޭސި އަސްކަރިއްޔާ ނައިޖަރުން ފޭބުމެވެ. އަދި ފަރަންސީސިވިލާތަށް ނިސްބަތްވާ އެއްވެސް އޮފިޝަލަކު ވެރިރަށް ނިއާމޭގައި ހުރެގެން ނުވާނެ ކަމަށްވެސް އޮތީ އަންގާފަ އެވެ.
ނައިޖަރަކީ އެފްރިކާ ބައްރުގައި އޮންނަ -- ނައިޖީރިއާ، ޗާޑް، މާލީ، ލީބިޔާ އަދި ބުރުކިނާފޯސޯގެ އަވައްޓެރި އެކެވެ. މިއީ އެފްރިކާއަށް ނިސްބަތްވާ އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ނައިޖަރުގެ އާބާދީ އަކީ 25 މިލިއަނެވެ. އާބާދީގެ 80 ޕަސެންޓަކީ ސުންނީ މުސްލިމުންނެވެ.
ނައިޖަރަށް ގެނައި ބަޣާވާތަށް އެ ގައުމުގެ ވަރަށް ގިނަ އާންމުން ތާއީދުކުރެ އެވެ.