ދުނިޔެ

ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން މަރުކަޒުން ނުކުުތުން މަނާކޮށްފި

ނައިޖަރުގެ ވެރިރަށް ނިއާމޭގައި އަސްކަރީ މަރުކަޒު އަޅައިގެން ތިބި ފަރަންސޭސިވިލާތުގެ ސިފައިން އެ މަރުކަޒުން ނުކުުތުން -- އެ ގައުމުގައި މިހާރު ވެރިކަންކުރާ އަސްކަރީ ޖެނެރަލުން މަނާކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެނެރަލުންގެ އަމުރަށް ފާރަވެރިން ގެންދަނީ ފަރަންސޭސި އަސްކަރީ މަރުކަޒު ދޮށުގައި ވަކި ވަގުތެއް ނުބަލައި ފޯރިމަރައި، ފަރަންސޭސި ސިފައިން އުޅޭ ނޫޅޭ ގޮތް ބަލަމުންނެވެ.

ފަރަންސޭސި މަރުކަޒު ގާޑުކޮށްގެން ބަޔަކު އަބަދާއި އަބަދު ނުތިއްބެ ކަމަކު، އެ މަރުކަޒުގައި ބަޔަކަށް ކަމެއް ނުކުރެވޭހާ އަވަސް އަވަހަށް ފާރަވެރިން ބުރުޖަހާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ޑިމޮކްރެޓިކް އުސޫލުން އައްޔަންކޮށްފައި ހުރި ރައީސް މުހައްމަދު ބަޒޫމް އަސްކަރީ ބަޣާވާތަކުން ދުުރުކުރީ -- އެ ގައުމުގެ އާންމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި -- ރަނގަޅަށެވެ.

މިހެންކަމުން ވެރިކަމަށް އަރާތިބި ޖެނެރަލުން ކުރާ ކޮންމެ ކަމަކަށް އާންމުގެ ތާއީދު ވަރަށް ބޮޑެވެ.

ނައިޖަރުގައި މިހާރު ތިބި ފަރަންސޭސި އަސްކަރީ އޮފިސަރުން އެ ގައުމުން ބޭރުވުަމަށް ބަޣާވާތްކޮށްގެން ތިބި ޖެނެރަލުން ގޮވާލުމުން އާންމުން ވަނީ މި ކަމަށް ވަރަށް ބޮޑަށް ތާއީދުކޮށްފަ އެވެ.

އަދި ބާޣީން ގޮވާލައިފި ނަމަ އާންމުން ތިބީ ފަރަންސޭސި މަރުކަޒަށް ވަދެގަންނަ ފަދަ ރޫހެއްގައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެ މަރުކަޒު ދޮށަށް އެއްވެ ތިބި އާންމު ގޮވާލަނީ ނައިޖަރު ދޫކޮށް ފަރަންސޭސިން ދިއުމަށެވެ. އެ މީހުން ބުނާ ގޮތުން ފަރަންސޭސި އިސްތިއުމާރުން މިނިވަކަން ހޯދައިގެން ތިބީ ފަރަންސޭސިންގެ އެހީ ބޭނުންނުވާތީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުހައްމަދު ބަޒޫމްގެ ވެރިކަމުގައި ވެސް ފަރަންސޭސި ސިފައިން ނައިޖަރުން ފޭބުމަށް އެންގި އެވެ. އެހެން ނަމަވެސް އެ ގޮތް ފްރާންސުން ބޭނުމެއް ނުވި އެވެ.

ނަމަވެސް، މިހާރު އެ ގައުމުގައި އޮތް ރޫހުގައި، ފަރަންސޭސި ސިފައިންނާ ކުރިމަތިލާން ޖެހުނު ނަމަވެސް، އާންމުން ތިބީ އެ މީހުން ބޭރުކުރާ ގޮތަށެވެ.